އިންޑިއާއަކީ ރާއްޖެއަށް ކޮންމެ ރޮނގަކުންވެސް ބަރޯސާވެވޭނެ، އަދި ކޮންމެ ދާއިރާއަކުންވެސް އެހީތެރިވެދޭނެ ގައުމެއް ކަމަށް ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ފޮރިން މިނިސްޓަރު އާސިމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ގެންގުޅޭ، ހުރިހާ ގައުމަކަށް ވުރެ އިންޑިއާ އިސްކުރާ "އިންޑިއާ ފަސްޓް" ސިޔާސަތަކީ، ރާއްޖެއަށް އިންޑިއާގެ މުހިންމުކަން ހާމަކޮށްދޭ ސިޔާސަތެއް ކަމަށެވެ.

ޖެނުއަރީ 26، 2017: އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު އާސިމް ވިދާޅުވީ، މިދިޔަ ތިން އަހަރު ރައީސް އަބްދުﷲ ޔާމީންވެސް އިންޑިއާއަށް ތިން ފަހަރު ވަޑައިގެންފައިވާ ކަމަށާއި، މިއީ ދެގައުމުގެ ގުޅުން ހާމަވާ ވަރަށް ވަރުގަދަ ނިޝާނެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ތިން ދަތުރުފުޅު ކުރެއްވި ނަމަވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.މޯދީ މިދިޔަ އަހަރު ރާއްޖެ ވަޑައިގަންނަވަން އުޅުއްވި ނަމަވެސް، އެ ދަތުރުފުޅު މޯދީ ވަނީ ކެންސަލް ކުރައްވައިފައެވެ. ރާއްޖެއަކީ ދެކުނު އޭޝިއާއިން މޯދީ ޒިޔާރަތް ނުކުރައްވާ ހަމައެކަނި ގައުމެވެ.

އިންޑިއާގެދަ ވަޔާނޫހަށް ދެއްވި ބަަސްދީގަތުމެއްގައި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ މިދިޔަ ހަފްތާގައި ވިދާޅުވި ގޮތުގައި، ބޮޑުވަޒީރު މޯދީއަށް ރާއްޖެއިން ކޮންމެ ވަގުތަކުވެސް މަރުހަބާ ކިޔުމަށް އޮތީ ތައްޔާރަށެވެ.

ޖެނުއަރީ 26، 2017: އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އާސިމް ވިދާޅުވީ، ރާއްޖެއަށް ކުއްލި ހާލަތެއް ދިމާވާ ކޮންމެ ފަހަރަކު އެހީއަށް އެދިއްޖެ ނަމަ، އިންޑިއާއިން ލަސްނުކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރާއްޖެއަށް އޮންނަ ކަމަށެވެ. އަދި އިންޑިއާއަކީ ކަންކަމުގައި ރާއްޖެއަށް އަބަދުވެސް ބަރޯސާވެވޭނެ ގައުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައިވެސް ރާއްޖެއާ އެކު އިންޑިއާ ދެމިއޮތް. މި ފުރުސަތުގައި، އިންޑިއާގެ ސަރުކާރާއި ރައްޔިތުންގެ ދީލަތިކަމާއި، ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ހިތްވަރަށް ޝުކުރު އަދާކުރަން. މި ގުޅުން ކުރިމަތުގައި ދާނީ ހުރިހާ ގޮތަކުންވެސް ބަދަހިވަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ، އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ، ދިވެހި ސަރުކާރާއި ރައްޔިތުންނާ ދެމެދު ބާއްވަވާ ގާތްކަމަށް ތައުރީފު ކުރައްވައިފައެވެ.

"ސަފީރު ބަހައްޓަވާ ގާތް ގުޅުމުގެ ސަބަބުން ވަނީ ދެގައުމުގެ އޮތް ގުޅުމަށް ފާގަތި މުސްތަގުބަލަކަށް މަގު ފެނިފައި،"

ޖެނުއަރީ 26، 2017: އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ މިއަހަރުވެސް ރާއްޖެއާ އިންޑިއާއާ ދެމެދު ގުޅުން ބަދަހިކޮށް، ދެގައުމަށް ވެސް ފައިދާ ކުރުވަނިވި އެތައް ކަމެއް ހުޅުވިގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 26 ޖެނުއަރީއެވެ. މި ދުވަސް ފާހަގަކުރަނީ، 1949 ނޮވެމްބަރު 26 ވަނަ ދުވަހު އެކުލަވާލައި، ބަލައިގަތް އިންޑިއާގެ ގާނޫނު އަސާސީ ތަންފީޒުކުރަން ފެށި ދުވަހުގެ މުނާސަބަތުގައެވެ. އިންޑިއާގައި ޖުމްހޫރިއްޔާ ފެށުނީ 26 ޖެނުއަރީ 1950 އެވެ. އިންޑިއާގެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކީ ޑރ. ރާޖެންދްރާ ޕްރަސާދެވެ.