ދެން އިތުރު ކައިވެންޏެއް ނުކުރާނެެ ކަމަށް ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން ބުނެފި އެވެ.

ރިތިކް އާއި ސުޒާން ޚާންގެ 14 އަހަރުވީ ކައިވެނި ނިމުމަކަށް އައީ މީގެ ތިން ވަރަކަށް އަހަރު ކުރިންނެވެ. ނަމަވެސް ދެމީހުންގެ މަދުގައި އަދިވެސް ވަރަށް ބަދަހި އެކުވެރިކަމެއް އޮވެ އެވެ.

އެ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައި ވާއިރު، ވަރިއަށް ފަހުގައި ވެސް ދެ ކުދިންގެ ކަންކަމުގައި ރިތިކް އާއި ސުޒާން މަސައްކަތް ކުރަނީ އެކުގައި ވަރަށް ގުޅިގެންނެވެ.

މިދިޔަ ބުދަ ދުވަހު ރިލީޒް ކުރި ރިތިކްގެ ފިލްމު 'ކާބިލް' އާ ގުޅޭގޮތުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ރިތިކް ބުނީ ސުޒާން އަށް ފިލްމު ވަރަށް ކަމުދިޔަ ކަމަށާއި، އޭނާގެ މަސައްކަތާ މެދު ސުޒާން ދެކޭގޮތް ވަރަށް މުހިންމު ކަމަށެވެ.

ސުޒާން އާ ދެމެދު އެހާ ރަނގަޅު ގުޅުމެއް އޮތް އިރު ދެވަނަ ފަހަރަށް ކައިވެންޏެއް ކުރުމުގެ ވިސްނުން ހުރިތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ރިތިކް ބުނީ ދިރިއުޅުން ވަރަށް އުފާވެރި ކަމަށާއި، ދެން ކައިވެންޏެއް ނުކުރާނެ ކަމަށެވެ.

ސުޒާން އާއި ރިތިކް ކައިވެނި ކުރީ 2000 ވަނަ އަހަރު އެވެ. ދެމީހުން ވަރިވީ 2014 ވަނަ އަހަރު އެވެ.