27 Jan 2017, 01:35
ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރި މާކެޓަކީ އިންޑިއާކަމުގައި ހަދާނެކަމަށް، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ވަރަށް ޚާއްސަ، ވަރަށް ގާތް އެކުވެރި ގައުމެއް ކަމަށާއި، ސަފީރުކަމުގައި ރާއްޖޭގައި ހޭދަކުރެއްވި ދުވަސްތަކުގެ ތެރޭގައި، އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއަށް ދިވެހީންގެ ހިތްހެޔޮކަން ފެނިފައިވާ ކަމަށެވެ.
ސަފީރު ވިދާޅުވީ، އިންޑިއާއަކީ ތަފާތު ނަސްލާއި ދީނާއި ސަގާފަތްތަކެއް ގެންގުޅޭ، 1.3 ބިލިޔަނަށް ވުރެ ގިނަ، އެއްބައިވަންތަ ރައްޔިތުންތަކެއް އުޅޭ ގައުމެއް ކަމަށެވެ.
ޖެނުއަރީ 26، 2017: އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މިނިވަން، ޑިމޮކްރެޓިކް ޖުމްހޫރިއްޔަތެއްގެ ގޮތުގައި ދެމިއޮތުމުގެ ސިއްރަކީ އެއްބައިވަންތަކަން. އަމިއްލަ އަޚްލާގާއި ސުލޫކު ދެމެހެއޓުން. އަދި އެކަކު އަނެކަކަށް އިހްތިރާމުކުރުން. އެ ސިއްރަކީ ގާނޫނު އަސާސީއާއި، ޤައުމާއި ދައުލަތުގެ ރޫހު، އެންމެ ފަރުދެއްގެ އަމިއްލަ އެދުމަށް ވުރެވެސް ބޮޑުކަން ގަބޫލުކުރުން،" މިޝްރާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވެސް އިތުރުވެފައިވާ ކަން ސަފީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ސޯޝަލް މީޑިއާގައި ހިންގާ ހަރަކާތްތަކާ ވެސް އެކު، އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 28 ޕަސަންޓުން ކުރިއަރާފައިވޭ. އެއީ 52،000 ގެ އަދަދުން މިދިޔަ އަހަރު 67،000 ފަތުރުވެރިން، އަލްހަމްދުލިﷲ. އަޅުގަނޑު ރާއްޖެއިން ފުރުމުގެ ކުރިން، ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ގައުމަކީ އިންޑިއާ ކަމުގައި ހަދާނަން،" ސަފީރު ވިދާޅުވިއެވެ.
ޖެނުއަރީ 26، 2017: އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖެއަށް އައި ފަތުރުވެރިންގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަތް އަހަރުވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ޗައިނާއިންނެވެ.
ސަފީރު މިޝްރާ ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ބަޔަކު ވެގެން އުފެއްދި ގުޅުމެއް ނޫން ކަމަށާއި، އެއީ ފެށުނީއްސުރެ އެގޮތުގެ މަތީން އޮތް ގުޅުމެއް ކަމަށެވެ.
"މިއީ އިންޑިއާ ކަނޑު މެދުވެރިކޮށް، ގުދުރަތުން އަޅުގަނޑުމެންނަށް ދެއްވާފައިވާ ރަހުމަތެއް،" މިޝްރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖެއާއި އިންޑިއާއަށް ކުރިމަތިވާ އުފާވެރިކަމާއި ހިތާމަވެރިކަމާއި، ދެގައުމުގެ ސުލްހަ މަސަލަސްކަމާއި، ރައްކާތެރިކަމާއި ސަލާމަތަކީ ގުޅި ލާމެހިފައިވާ، އަދި ވަކި ނުކުރެވޭނެ ކަންކަން ކަމަށެވެ.
ޖެނުއަރީ 26، 2017: އިންޑިއާގެ 68 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސަފީރު ވިދާޅުވީ، ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން، ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން އުފެއްދުމަށް މިއަހަރުވެސް ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް، ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު އަދި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދިވެހި ސަރުކާރުގެ ބައެއް އިސްވެރިންނާއި، ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.