ކޮންމެ ތަނެއްގައި ވެސް އަހުލާގު ހިފަހައްޓާށޭ ބުނަނީ އެހެންވެ އެވެ. ޔުނީފޯމު ލައިގެން ހުންނަ ވަގުތުގައި އެކަންޏެއް ނޫނެވެ. ޝޯޝަލް މީޑިއާގައިވެސްމެވެ. ބަވަނަވެފައިވާ މި ޒަމާނުގައި ޝޯޝަލް މީޑިއާގައި ބުނެލާ އެއްޗަކީ އާންމު ތަނެއްގައި ހުރެ ބުނެލާ އެއްޗަކާ މި ވަނީ އެއްފަދަވެފަ އެވެ.

ސޯޝަލް މީޑިއާގައި ފުލުހުންގެ އެކައުންޓުތަކަށް ފާރަވެރިވާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. އެ އިންޒާރު ދިނީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބުދިނުމާ ބެހޭ ގަވާއިދުންނެވެ. ފުލުހުންގެ އަހުލާގު ހިފަހައްޓަން ބާރު އަޅަން ހަދާފައިވާ އެ ގަވާއިދު އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުން، ސޯޝަލް މީޑިއާގައި ވެސް ފުލުހުންގެ އަގުލާގު ހިފަހައްޓަންޖެހެ އެވެ. ހުތުރު އިބާރާތުން ނުވަތަ އިހްތިރާމް ކުޑަކުރުމަށް ފުރުސަތު ތަނަވަސްވާފަދަ ގޮތަކަށް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމާއި މީޑިއާގެ އެއްވެސް ވަސީލަތެއްގައި ލިޔެވޭ ނުވަތަ ޝާއިއުކުރާ އެފަދަ އެއްވެސް އެއްޗަކަށް ތާއިދުކުރާކަން ދޭހަވާ ގޮތަށް އެއްވެސް އަމަލެއް ކުރުން ނުވަތަ ހިންގުމަކީ ކުށެކެވެ.

"ތާއިދުކުރާކަން ދޭހަވާ ގޮތަށް އެއްވެސް އަމަލެއް ކުރުން" އެހެން ބުނެފައި އޮތުމުން ފޭސްބުކްގައި ކުރާ "ލައިކް"އަކުން ނުވަތަ "ޝެއާ"އަކުން ވެސް ކުށްވެރިވެދާނެ އެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުން ފުލުހުންގެ މުއައްސަސާގައި ހިނގާ ކަމަކާ ބެހޭ ގޮތުން ހާމަކުރަން ނުޖެހޭ މައުލޫމާތެއް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ހާމަކުރުމަކީ ކުށެކެވެ. އަދި ޝޯޝަލް މީޑިއާގައި ލިޔާ އެފަދަ ވާހަކަތައް ނުވަތަ ޝާއިއު ކުރާ އެފަދަ އެއްވެސް އެއްޗަކަށް ތާއިދު ކުރާކަން ދޭހަވާ ގޮތަށް އެއްވެސް އަމަލެއް ކުރުން ނުވަތަ ހިންގުމަކީ އަދަބު ލިބޭނެ ކަމެކެވެ.

އެފަަ ކަމެއް ކުރުމަކީ ޑިސިޕްލިނަރީ އަދި އިދާރީ ކުށެކެވެ. އެންމެ ބޮޑު އަދަބެއްގެ ގޮތުގައި ވަޒީފާއިން ވަކިކުރުން ހިމެނެ އެވެ. ކުޑަ އަދަބެއްގެ ގޮތުގައި ކައުންސިލިން ދިނުން ހިމެނެ އެވެ.

ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ އަދަބު:

  • ވަޒީފާއިން ވަކިކުރުން
  • ރޭންކު ދަށްކުރުން
  • ވަޒީފާ އަދާކުރާ ތަން ބަދަލު ކުރުން
  • ކައިރިން ސްޕަވައިޒް ކުރެވޭ ގޮތަށް ވަޒީފާ އަދާ ކުރުވުން
  • ގާބިލުކަން އިތުރުވާފަދަ ހާއްސަ ކައުންސެލިން ދިނުން
  • ހާއްސަ ތަމްރީނު ފުރިހަމަ ކުރުވުން
  • ކައުންސިލިން ދިނުން