ބުދަ ދުވަހު ރިލީޒް ކުރި ޝާހް ރުކް ޚާންގެ ފިލްމު 'ރައީސް' އަށް ފުރަތަމަ ދުވަހު ވެސް 20 ކުރޯޑު ރުޕީޒް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ޓްރޭޑް އެނަލިސްޓު ތަރަން އަދަރްޝް ހާމަކޮށްފައިވާ ގޮތުން، ފިލްމު ރިލީޒް ކުރި ދުވަހު އެ ފިލްމަށް ވަނީ 20.42 ކުރޯޑު ރުޕީޒްގެ އާމްދަނީއެއް ލިބިފައެވެ. އެހެންކަމުން ހަފްތާ ބަންދުގައި ވެސް ފިލްމަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

'ރައީސް' އަށް އެންމެ ބޮޑު ތަރުހީބެއް ލިބިފައި ވަނީ މުމްބާއީ އަދި ބެންގޯލް އިންނެވެ. ޝާހުގެ ފިލްމުތަކަށް ބަލާއިރު، 2013 ވަނަ އަހަރު ނުކުތް 'ޗެންނާއީ އެކްސްޕްރެސް' އާއި 2014 ވަނަ އަހަރު ނުކުތް 'ހެޕީ ނިއު އިޔަރ' އަދި 2015 ވަނަ އަހަރު ނުކުތް 'ދިލްވާލޭ' އަށް ވަނީ ފުރަތަމަ ދުވަހު، 20.42 ކުރޯޑަށް ވުރެ ބޮޑު އާމްދަނީ ލިބިފައެވެ.

'ރައީސް' އެންމެ ފުރަތަމަ ރިލީޒް ކުރަން ހަމަޖެއްސީ މިދިޔަ އަހަރުގެ އީދު ބަންދާ ދިމާކޮށެވެ. ނަމަވެސް ސަލްމާން ޚާންގެ 'ސުލްތާން' ވެސް އެ ދުވަހު ރިލީޒް ކުރާތީ، ރައީސް ރިލީޒް ކުރުން ވަނީ ފަސްކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު ރައީސް ރިލީޒް ކޮށްފައި ވަނީ ރިތިކް ރޯޝަންގެ 'ކާބިލް' އާވެސް އެކު އެވެ. ނަމަވެސް ކާބިލް އަށް ފުރަތަމަ ދުވަހު ލިބިފައި ވަނީ 7.75 ކުރޯޑު ރުޕީޒް އެވެ.

ރައީސް ގައި ޝާހު ފެނިގެން ދަނީ އިންޑިއާގެ ގުޖުރާތުގައި ގާނޫނާ ޚިލާފަށް ބަނގުރަލުގެ ވިޔަފާރި ކުރާ ރައީސް އަލަމް ކިޔާ މީހެއްގެ ރޯލުންނެވެ. ފިލްމުގައި ޝާހު ދައްކުވައިދީފައިވާ އެކްޓިން އަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ފިލްމުގައި ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީގީ ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ. އަދި ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާން ފެނިގެން ދާނީ ޝާހުގެ އަނބިމީހާގެ ރޯލުންނެވެ.

އެ ފިލްމު ޑައިރެކްޓުކޮށްފައި ވަނީ ރާހުލް ޑޯލަކިއާ އެވެ.