26 Jan 2017, 23:06
އެމެރިކާގެ ވަލީއުލްއަމުރުގެ މަގާމަށް ޓްރަމްޕް އައުމާ ގުޅިގެން ވޮޝިންޓަންގައި އެމަނިކުފާނާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރު ކުރި އިތުރު ހަތަރު ނޫސްވެރިއަކަށް 10 އަހަރުގެ ޖަލުހުކުމަކާ ކުރިމަތިލާން ޖެހިދާނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެ ނޫސްވެރިންނަށް ޖަލުހުކުމެއްގެ އިތުރުން، 20،000 ޕައުންޑުން ޖޫރިމަނާވެސް ކުރިމަތިލާން ޖެހިދާނެއެވެ.
އެ ހަތަރު ނޫސްވެރިންގެ ތެރޭގައި ވެބް ޑޮކިއުމެންޓްރީ ހަދާ މީހެއް ކަމަށްވާ މެޓް ހޮޕާޑް އާއި ދަ އިންޑެޕެންޑެންޓްގެ ޖާނަލިސްޓަކާއި ފޯޓޯގްރަފަރެއްގެ އިތުރުން ދަ ނޭޝަން މެގަޒިންގައި ނޫސްވެރިއެއްގެ ގޮތުގައި އިންޓާންޝިޕް ޓްރޭނިން ހޯދަމުން ދިޔަ މީހަކު ހިމެނެއެވެ.
އެ ނޫސްވެރިން ހައްޔަރުކުރީ ވޮޝިންޓަންގައި ކުރިއަށް ގެންދިޔަ އެ މުޒާހަރާގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ބަޔަކު އައިސް އެސަރަހައްދުގައި ހުރި ވިޔަފާރި ފިހާރަތަކާއި ތަންތަނަށް ހަމަލާދީ ހަލާކު ކުރި ވަގުތު ފުލުހުން، މުޒާހަރާކުރަމުންދިޔަ މީހުންގެ ތެރެއަށް ވަތް ގަޑީގައެވެ.
މި މައްސަލައާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ވަނީ އެ އަމަލު ކުށްވެރިކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.