25 Jun 2011, 00:52
މިސީޒަންގެ ބާކީ އޮތް ބައިގައި ނިއު ރޭޑިއަންޓަށް ކުޅެން އެއްބަސްވެ، މިދިޔަ ބުދަ ދުވަހުގެ ރޭ ނިއު އަށް ސޮއި ކުރި ސޮބާހް މުހައްމަދު އިބްރާހިމް އަކީ ރަނގަޅު މޮޅު ފުޓްބޯޅަ ކުޅުން ތެރިއެއް ކަމަށް ނިއުގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ދިރާގް ދިވެހި ލީގުގެ ދެވަނަ ބުރުގައި ރޭ މާޒިޔާ އާއި ނިއު ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން މޯހަން ބުނީ، ސޮބާހް މުހައްމަދަކީ ހުނަރު ވެރި މޮޅު ފުޓްބޯޅަ ކުޅުން ތެރިއެއް ކަމަށާއި ސޮބާހްގެ އުމުރަށް ބާލާފިނަ މެވެސް އޭނާއަށް އަދި ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ސޮބާ އަކީ ވޭތުވެ ދިޔަ 10 އަހަރު ދިވެހި ގައުމީ ޓީމަށް ކުޅެ ތަޖުރިބާ ލިބިފައިވާ ކުޅުން ތެރިއަކަށް ވީއިރު، އެތަޖުރިބާގެ ބޭނުން މިހާރު ވެސް ސޮބާހް އަށް ހިފޭނެ ކަމަށް މޯހަން ބުންޏެވެ.
މިސީޒަންގެ ބާކީ އޮތް ބައިގައި ނިއުއަށް ކުޅެން އެއްބަސްވެ، ރޭ މާޒިޔާއާއި ދެކޮޅަށް ކުޅުނު މެޗްގައި އޭނާ ދެއްކި ކުޅުމާ މެދު ހިތް ހަމަޖެހޭ ކަމަށް ވެސް މޯހަން ވަނީ ބުނެފައެވެ.
"ސޮބާ އަކީ މޮޅު ކުޅުން ތެރިއެއް. އޭނަގެ ކުޅުން ރަނގަޅު. ރޭގެ މެޗްގައި އޭނަ ދެއްކީ ހިތް ހަމަޖެހޭ ވަރުގެ ކުޅުމެއް." މޯހަން ބުންޏެވެ.
މީގެއިތުރުން މޯހަން ބުނީ، މާޒިޔާ އާއި ދެކޮޅަށް ކުޅެ، އެއް ޕޮއިންޓް ލިބުމުން ހިތް ހަމަޖެހޭ ކަމަށާއި މެޗްގެ ކުރީ ކޮޅު ސްކޯ ނުކުރެވުނީ ޓީމްގެ ނަސީބް ނެތުމުން ކަމަށެވެ. އަދި ރޭގެ މެޗަށް ޓީމް ނިކުތް އިރު، ދެ ކާޑު ހަމަ ވެގެން ކުޅުމުގެ ފުރުސަތު ނުލިބުނު ޗާލްސް ނެތް ތަން ކޮޅު ޓީމަށް ވަނީ ދައްކާފައި ކަމަށެވެ.
މޯހަންގެ އިތުރުން ރޭގެ މެޗަށް ފަހު މާޒިޔާގެ ކޯޗްއިސްމާއިލް މަހުފޫޒް (އިންމަ) ބުނީ ޓީމްގެ ކުޅުން ރަނގަޅު ކަމަށާއި ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށެވެ.
ރޭ މާޒިޔާ އާއި ނިއު ކުޅުނު މެޗް ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރި ވެގެންނެވެ.