26 Jan 2017, 19:09
ފުލުހަކު އާންމުންނާ ހުތުރު ބަހުން މުއާމަލާތްކޮށްފި ނަމަ އެފުލުހަކާ މެދު ފިޔަވަޅު އެޅޭ ގޮތަށް ހަމަޖައްސައި ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާ ބެހޭ ގަވާއިދު އާންމުކޮށްފިއެވެ.
މިއަދު ގެޒެޓު ކުރި މިގަވާއިދަށް އަމަލު ކުރާނީ މިއަދުން ފެށިގެން ތިން މަސް ދުވަސް ފަހުންނެވެ.
އެ ގަވާއިދުގައިވާ ގޮތުގައި ފުލުހަކަށްވެ ހުރެ އަޚްލާގީ ގޮތުން ދަށް ފެންވަރުގެ ކަމެއް ކޮށްފި ނަމަ އެކަމެއް ކުރީ ރާއްޖެއިން ބޭރުގައި ކަމަށްވީ ނަމަވެސް ގަވާއިދުގެ މަތިން އަމަލު ކުރެވޭނެ އެވެ. މިފަދަ މައްސަލަތައް ތަހުގީގު ކުރާނީ ކޮމިޝަނާ އޮފް ޕޮލިސް ކަނޑައަޅުއްވާ ޚާއްސަ މުވައްޒަފުންތަކެކެވެ. އަދި އެ ތަހުގީގުތައް ކުރިއަށްދާނީ ެއެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރޭންކަށްވުރެ ދަށްނޫން ރޭންކެއްގެ ފުލުހެއްގެ ބެލުމުގެ ދަށުން ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދުގެ ދަށުން، ފުލުހުން ކުރާ ކުށްތައް ދެ ގިންތީއަކަށް ބަހާލައިފައިވެއެވެ. އެއީ އިންފޯމަލް ރިޒޮލިއުޝަންގެ ގޮތުގައި ބަލާނެ މައްސަލަތަކާއި ޑިސިޕްލިނަރީ އަދި އިދާރީ މައްސަލަތަކެވެ.
ރިޒޮލިއުޝަންގެ ގޮތުގައި ބަލާނެ މައްސަލަތައް:
ފުލުހުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރުން.
- މުވައްޒަފަކާ ޙަވާލުކޮށްފައިވާ އެއްވެސް އާލާތަކަށް، އުޅަނދަކަށް، ޔުނީފޯޯމަކަށް ނުވަތަ ހަތިޔާރަކަށް ވީނުވީއެއް ނޭނގިގެން ނުވަތަ ޔުނިފޯމެއް ގެއްލިގެން ނުވަތަ ގެއްލުމެއް ލިބިގެން ނުވަތަ ހަލާކުވެގެން އެކަން އަންގަންޖެހޭ ފަރާތަށް، އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ނާންގައި އޮތުން.
- ހުތުރުބަހުން މުޢާމަލާތްކުރުން.
- ގާނޫނާއި ގަވާއިދާ އެއްގޮތަށް ވެރިޔަކު ކުރާ އަމުރަކަށް ކިޔަމަންނުވުން.
- ސާފުތާހިރުކަން ކުޑަވުން.
- އެހެން މުވައްޒަފެއްގެ ނުވަތަ މުއައްސަސާގެ މަސައްކަތަށް ނޭދެވޭ އަސަރުކޮށްފާނެ ފަދަ ޙަޤީގަތާ ޚިލާފު ވާހަކައެއް ދެއްކުން ނުވަތަ އެފަދަ ޢަމަލެއްކުރުން.
- ޞިއްޙީގޮތުން ރައްކާތެރިނޫން ޢަމަލެއް ހިންގުން ނުވަތަ ކުރުން
- ފުލުހުންގެ އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ނެތި ފުލުހުންގެ އުޅަނދެއް ދުއްވުން.
- ސަލާމް ބުނުމުގެ ގަވާއިދާ ޚިލާފަށް ސަލާމް ބުނުމާއި، ސަލާމްބުނުމަށްފަހު މަސްދަތުރު، ޕިކްނިކް ދަތުރުދިއުން ފަދަ ސަލާމް ބުނި ބޭނުންފިޔަވައި އެހެން ބޭނުމަކު އޮފީހުގެ ހުއްދަނެތި ރަށުން ބޭރަށް ދިޔުމާއި ހާޒިރީއަށް ފަރުވާކުޑަކުރުން.
- ވާޒީފާއާ ބެހޭ ގަވާއިދާ ޚިލާފަށް މުވައްޒަފުން ލައްވައި އަމިއްލަ މަސައްކަތް ކުރުވުން.
ޑިސިޕްލިނަރީ މައްސަލަތަކުގެ ގޮތުގައި ބަލާނީ ޤާނޫނުލް އުޤޫބާތުގައާއި އެހެނިހެން ޤާނޫނުތަކުން ޖިނާއީ ކުށެއްކަމުގައި ކޯޓުގައި ކަނޑައަޅާފައިވާ ކުށެއްނަމަ އެކުށުގެ ދައުވާ ޝަރުޢީ ކޯޓަކުން ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ މައްސަލަތަކެވެ. އަދި ފުލުހުންގެ ގާނޫނުގެ ދަށުން ހެދިފައިވާ އެއްވެސް ގަވާއިދެއްގައި ކަނޑައަޅާފައިވާ ހާލަތްތަކުގައި ނަން ނުވަތަ ސަރވިސް ނަންބަރު ވަންހަނާ ކުރުމުންވެސް ފިޔަވަޅު އެޅޭނެ އެވެ.
މި ގަވާއިދަށް އަމަލު ކުރަން ފެށުމާ އެކު މީގެ ކުރިން ފުލުހުން އަމަލު ކުރަމުން އައި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާ ބެހޭ ގަވާއިދު އުވާލެވޭނެ އެވެ.