ވިޔަފާރިތަކުން ލިބޭ އާމްދަނީ އެއް މިލިއަން ރުފިޔާއަށްވުރެ މަތި ނުވާ ނަމަ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް، އެ ޓެކްސް ނެގުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

މިއަދު ގެޒެޓުކޮށްފައިވާ،ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްއާ ބެހޭ ގަވާއިދަށް ގެނެސްފައިވާ 12 ވަނަ އިސްލާހުގައި އިސްލާހުކޮށްފައިވަނީ އެ ގަވާއިދުގެ 17 ވަނަ މާއްދާ އެވެ. އެމާއްދާގައި ބަޔާން ކުރަނީ ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާ ވާ ފަރާތްތަކެވެ. އެ އެސޫލު ހިނގާނީ ވަކި ފަރުދުންނަށާއި ޑީމްޑް ޕާޓްނަޝިޕްތަކަށެވެ.

މީގެ ކުރިން އެ ގަވާއިދުގައިވާ ގޮތުން ނަމަ އާމްދަނީ 750،000 އަށް ވުރެ މަތި ނުވާ ނަމަ ބީޕީޓީ ބަޔާން ހުށަހަޅާކަށް ނުޖެހޭނެ އެވެ. އަލަށް ގެނައި އިސްލާހުގައި ބުނަނީ ފަރުދުންނަށާއި ޑީމްޑް ޕާޓްނާޝިޕްތަކުގެ ތެރެއިން އާމްދަނީ، އެއް މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާނަމަ އަދި ޓެކްސް ބިނާކުރެވޭ ފައިދާ 500000 ރުފިޔާއަށް އިތުރުނުވާނަމަ ބީޕީޓީ ބަޔާން ދައްކަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ވިޔަފާރި ހިސާބުކުރާ މުއްދަތުގައި އެކުންފުނީގެ ޓެކްސް ނެގޭ ފައިދާ ފަސް ލައްކައަށްވުރެ މަތިވާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހަށް އަމަލުން ކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.