26 Jan 2017, 18:37
އެމެރިކާގެ ނުވަވަނަ މިޝަން ސަޕޯޓް ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ސްޓެފަން ކޫރްޑާ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ ބަންޑާރަކޮށީގައެވެ. އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މާލޭގައި ކުރިއަށްގެންދިޔަ ލޮޖިސްޓިކް ސަބްޖެކްޓް މެޓަރ އެކްސްޕާޓް އެކްސްޗޭންޖު ޕްރޮގްރާމާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.
އެ ޕްރޮގްރާމަކީ ލޮޖިސްޓިކް ޕްލެޓް ފޯމެއް ޤާއިމްކުރުމަށްޓަކައި އެމެރިކާ އަސްކަރިއްޔާ އާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ލޮޖިސްޓިކާ ގުޅޭ ދާއިރާތަކުގައި މަސައްކަތްކުރާ ސިފައިންގެ ތަޖުރިބާ ޙިއްސާކުރުމަށް ބޭއްވި ޕްރޮގްރާމެކެވެ.
އެމެރިކާގެ ނުވަވަނަ މިޝަން ސަޕޯޓް ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ސްޓެފަން ކޫރްޑާ ރާއްޖެއަށް ވަޑައިގެން އުޅުއްވަނީ އެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުންނެވެ.