26 Jan 2017, 18:16
ސެއިންޓް ވިންސެންޓް ގައުމީ ޓީމަށް ކުޅެމުންދާ ފޯވަޑް ކޯނެލިއަސް ސްޓެވާޓް، ޓީސީ ސްޕޯޓްސް ކްލަބަށް ގެނެސްފިއެވެ.
މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށް ސެއިންޓް ވިންސެންޓްގެ ކޯނެލިއަސް، ޓީސީއާ ގުޅުނުކަން އެކްލަބުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އުމުރުން 27 އަހަރުގެ ކޯނެލިއަސްގެ ފުޓްބޯޅަ ކެރިޔަރު ފަށާފައިވަނީ އޭނާގެ އަމިއްލަ ގައުމުގެ ކްލަބެއް ކަމަށްވާ ނިއުވިލް ހޯޕް އިންޓަނޭޝަނަލުން 2007 ވަނަ އަހަރެވެ. އެއަށްފަހު އޭނާ ފެނިގެންދިޔައީ އެމެރިކާގެ ދެވަނަ ޑިވިޝަންގެ ކްލަބުތަކެއް ކަމަށްވާ ވައިޓްކެޕްސް ރެސިޑެންސީ އަދި ވެންކުވާ ވައިޓްކެޕްސްއިންނެވެ. ވައިޓް ކެޕްސްގެ 23 އަހަރުން ދަށުގެ ޓީމުން ވެސް އޭނާ ފެނިގެންދިޔައެވެ.
އެމެރިކާގެ ކްލަބުތަކަށް ކުޅުމަށްފަހު، ދެން އޭނާ ކުޅެފައިވަނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ މޯވެންޓް ކަލެޑޯނިއާ ޔުނައިޓެޑަށެވެ. އެއަށްފަހު ދެން އޭނާ ފެނިގެންދިޔައީ ފިންލެންޑްގެ ތިން ކްލަބަކުންނެވެ. އެއީ ފިންލެންޑްގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އޮއުލުން ޕަލޮސެއުރާ (އޯޕީއެސް) އާއި، ފުރަތަމަ ޑިވިޝަންގެ ދެ ކްލަބު ކަމަށްވާ ވާސަން ޕަލޮސެއުރާ (ވީޕީއެސް) އަދި ޕަލޮސެއުރާ ކެމީ ކިންގްސްއެވެ.
ސެއިންޓް ވިންސެންޓް ގައުމީ ޓީމަށް 2008 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ކޯނެލިއަސް ވަނީ 20 އަހަރުންދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. ފީފާ ރޭންކިންގައި ސެއިންޓް ވިންސެންޓް އޮތީ ރާއްޖެއަށްވުރެ ފަހަތުގައެވެ. ފީފާ ރޭންކިންގެ 180 ވަނައިގައި ސެއިންޓް ވިންސެންޓް އޮތްއިރު، ރާއްޖެ އޮތީ ފީފާ ރޭންކިންގެ 145 ވަނައިގައެވެ. ސެއިންޓް ވިންސެންޓަކީ އެއް ލައްކަ މީހުންގެ އާބީދީއެއް އޮންނަ ގައުމެކެވެ.
ކުރިއަށްއޮތް ފުޓްބޯޅަ ސީޒަނަށް ޓީސީ ވަރުގަދަކުރުމަށް ސްޓެވާޓްގެ އިތުރުން އެކްލަބުން ވަނީ ބިދޭސީ ދެ ކުޅުންތެރިޔަކު ގެނެސްފައެވެ. އެއީ މިސްރުގެ ޑިފެންޑަރެއް ކަމަށްވާ އީސާ އެލް މަގްރަބީއާއި، ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ޝެމްޝޮންއެވެ.