ވޮޝިންޓަން(ޖެނުއަރީ 26): މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ހަތް ގައުމެއްގެ މުސްލިމުންނަށް ވިސާ ދޫކުރުން ހުއްޓާލުމަށް މިހަފްތާ ތެރޭގައި ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

އެމެރިކާއަށް ދާ މީހުން އިތުރަށް ސްކްރީން ކުރާނެ ގޮތެއް އެގައުމުގެ ސްޓޭޓް އެންޑް ހޯމްލޭންޑް ސެކިއުރިޓީން އިއުލާން ކުރަންދެން އެމެރިކާއަށް ހިޖުރަ ކުރުން ހުއްޓުވާނެ ގައުމުތަކުގެ ތެރޭގައި އިރާގް، ސީރިއާ، ލީބިއާ، ޔަމަނު، އީރާން، ސޫދާން އަދި ސޯމާލިއާ ހިމެނެ އެވެ.

އޭގެ ތެރެއިން އިރާގް، ސީރިއާ، ލީބިއާ އަދި ޔަމަނުގައި އެމެރިކާ އަސްކަރިއްޔާއިން ދަނީ އައިއެސްއާ ހަނގުރާމަ ކުރަމުންނެވެ.

ރައީސް ބަރަކް އޮބާމާގެ ސަރުކާރުގައި އެމެރިކާގެ ސިޓިޒެންޝިޕް އެންޑް އިމިގްރޭޝަން ސާވިސެސްގެ ޗީފް ކައުންސެލްގެ ގޮތުގައި ހުންނެވި ސްޓީވެން ލެގޮމްސްކީ ވިދާޅުވި ގޮތުގައި ރެފިއުޖީން އެގައުމަށް ދިޔުމާއި ބައެއް ގައުމުތަކަށް ވިސާ ދިނުން ހުއްޓުވުމުގެ ބާރު ގައުމުގެ ރައީސަށް ލިބިގެންވެ އެވެ.

"އެއީ ރައީސަށް ގާނޫނީ ގޮތުން ލިބިފައިވާ ހައްގެއް. ނަމަވެސް ސިޔާސަތަށް މިއީ ރެފިއުޖީންނަށް ވީހާވެސް އަވަހަކަށް އިންސާނީ އެހީ ބޭނުންވެފައިވާ ވަގުތެއް ކަމުން އެއީ ރަނގަޅު ނިންމުމަކަށް ނުވާނެ،" ލެގޮމްސްކީ ވިދާޅުވި އެވެ. (އިންޑިޕެންޑެންޓް)