26 Jan 2017, 18:12
ިމިދިޔަ 2016 ވަނަ އަހަރު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ މަގުބޫލު ފިލްމު "4426"ގެ އިތުރު ދެ ޝޯއެއް އޮލިމްޕަހުގައި އެޅުވުމަށް ތައްޔާރުވެއްޖެ އެވެ.
އޮލިމްޕަހުގައި ހައުސްފުލް 28 ޝޯ ދެއްކުމަށް ފަހު އަންނަ ފެބްރުއަރީ މަހުގެ ދެވަނަ އަދި ތިން ވަނަ ދުވަހުގެ ރޭ އިތުރު ދެ ޝޯ އެއް އެޅުވުމަށް ހަމަޖެހިފައިވާއިރު، އޮންލައިންކޮށް ބުކިން ހެދޭނެ ކަމަށް ނަހުލާ ބުނެ އެވެ.
އެ ފިލްމުގެ ޑައިރެކްޓަރެއް ކަމަށްވާ ނަހުލާ ބުނީ އޮންލައިންކޮށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށާއި އެގޮތުން،www.4426.mvއިން ބުކިން ހެދޭނެ ކަމަށެވެ. އަދި މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުން ޓިކެޓު ގަންނަން ލިބޭނެ ކަމަށެވެ.
މަޝްހޫރު ގިނަ ތަރިންތަކަކާއި އާ މޫނުތަކެއް ފެނިގެންދާ 4426 ފިލްމު ވަނީ އޮލިމްޕަހުގެ އިތުރުން ޝްވެކް ސިނެމާގައިވެސް ދައްކާފައެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގަޔާއި ލަންކާގައިވެސް ދައްކާފައެވެ. އެގޮތުން ލަންކާގައި އެ ފިލްމުގެ ހައުސްފުލް 3 ޝޯއެއް ވަނީ ދައްކާފައެވެ.
ނަހުލާއާއި އަހުމަދު ޝިނާން ޑައިރެކްޓުކޮށްފައިވާ އެ ފިލްމަކީ ގެއެއްގެ ތެރޭގައި ބަންދުވެ، ބަޔަކަށް ދިމާވާ ރޫހާނީ ކަންތައްތަކެއް ދައްކައިދޭ ބިރުވެރި ފިލްމެކެވެ.
އެ ފިލްމުގެ ތަރިންގެ ތެރޭގައި، ކުރިއަރަމުން އަންނަ ޒުވާންތަރި މަރިޔަމް އައްޒައާއި، ޖުމައްޔިލް ނިމާލާއި މުހައްމަދު ޖުމައިހު ހިމެނެ އެވެ. އޭގެ އިތުރުން މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ޝީލާ ނަޖީބު އެ ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނެ އެވެ.