ލަންޑަންގައި އަންނަ އަހަރު އޮންނަ އޮލިމްޕިކް ގޭމްސް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް އިންޑިއާ ކުރަމުން ގެންދިޔަ މަސައްކަތް ނާކާމިޔާބުވެ، މުބާރަތަށް އަލްވަދާއު ކިޔައިފި އެވެ.

އިންޑިއާ މުބާރާތުން ކެޓީ ކީ އެގައުމުގެ ޝިވް ޗަތްރަޕަތީ ސްޓޭޑިއަމަށް ވަދެތިބި 5000 މީހުންގެ ކުރިމަތީގައި މިދިޔަ ބުރާސްފަތި ދުވަހު ގަތަރާ އެކު ކުޅުނު މެޗު 1-1 އިން އެއްވަރުވުމުންނެވެ. މިދެ ޓީމު ގަތަރުގައި ކުޅުނު މެޗު 3-1 އިން ގަތަރު ކާމިޔާބުކޮށްފައިވާތީ އެޓީމަށް ކުރި ލިބުނީ 4-1 އިންނެވެ.

ދެޓީގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗްގައި، އިންޑިއާއަށް ވަނީ 2-0 އިން ޤަތަރު ބަލިކޮށްގެން ފަހުބުރަށް ދިއުމުގެ ތަނުގެ ފުރސަަތެއް ވެސް ލިބި، ބޭކާރުވެފައެވެ. އެގޮތުން އިންޑިއާ ޓީމަށް މެޗުގެ 19 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއެއް ވަނީ ނާކާމިޔާބު ވެފައެވެ. ލަލްރިންދިކާ ފޮނުވާލި ޕެނަލްޓީ ގަތަރުގެ ކީޕަރު އަލް ޝީބް ވަނީ ދިފާއު ކޮށްފައެވެ.

ޕެނަލްޓީ ނާކާމިޔާބުވިޔަސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ އިންޑިޔާއިން ލީޑް ނެގީ ދެވަނަ ހާފްގެ 53 ވަނަ މިނިޓުގައެވެ.މިލަނޑަކީ ޤަތަރުގެ ޚާލިދު މުފްތާޙް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އިންޑިއާ އަށް ލީޑު ހިފެހެއްޓުނީ 74 ވަނަ މިނިޓާ ހަމައަށެވެ. އެހެންނަމަވެސް ފަހަތުން އަރާ ނަތީޖާ ހަމަހަމަ ކޮށް ގަތަރުވަނީ ފައިނަލް ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ.

ތޭވީސް އަހަރުން ދަށުގެ ގައުމީ ޓީމް ވާދަކުރާ އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އާޖެންޓީނާ އެވެ.