ގައިދީންނާ ބައްދަލުކުރަން ދާއިރު ތަކެތި ގެންދިޔުން މަނާކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން މިއަދު ސަން އަށް ވިދާޅުވީ ގައިދީންނާ ބައްދަލުކުރަން ދާއިރު ތަކެތި ގެންދިޔުން މަނާކުރީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އޭނާ ވިދާޅުވީ އެގޮތަށް ނިންމީ ޖަލަށް ގެންދާ ތަކެތީގެ ތެރޭގައި ބައެއް ފަހަރަށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިހި ހުންނާތީ ކަމަށެވެ.

އެގޮތަށް ނިންމި ނަމަވެސް ކުރިއެކޭ ވެސް އެއްގޮތަށް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް އަންނައުނާއި ފައިސާ ފަދަ ތަކެތި ގައިދީންނާ ހަވާލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ލުގުމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއިލީ ބައްދަލުވުންތަކުގައި ކޭކު ފެޅުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ ކަމަށާއި ނަމަވެސް ޖަލަށް ކޭކު ވެއްދުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އާއިލީ ބައްދަލުވުންތަކަށް ފަހު އެއްވެސް އެއްޗެއް ގައިދީން ޖަލަށް ގެންދޭތޯ ބެލުމަށް މޮނިޓަކުރަމުން އަންނަ ކަމަށް ވެސް ލުގުމާން ވިދާޅުވި އެވެ.

ދާދިފަހުން މާފުށީ ޖަލުގެ ގައިދީ އަކަށް އާއިލާ އިން ގެންދިޔަ ކޭކެއްގެ ތެރޭގައި މަސްތުވާތަކެތި ހުއްޓައި ވަނީ ފެނިފަ އެވެ. އަދި ގައިދީންނާ ބައްދަލުކުރަން ދާއިރު ފައިވާނުގެ ތެރެއަށް ލައިގެން މަސްތުވާތަކެތި ގެންދިޔުމަކީ ވެސް އާންމު ވެފައިވާ ކަމެކެވެ.