ރާއްޖެއާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ގައުމީ އޯކެސްޓްރާ މިއުޒިކް ގްރޫޕުގެ ހަރަކާތްތަކާ އެކު ރާއްޖޭގައި ކޮންސެޓެއް ބޭއްވުމަށް ނިންމައިފި އެވެ.

އަންނަ މަހުގެ ހަތް ވަނަ ދުވަހު އޮލިމްޕަހުގައި ބާއްވާ ކޮންސެޓަކީ ޗައިނާ އެމްބަސީއާއި ނޭޝަނަލް ސެންޓަ ފޯ ދި އާރޓްސް (އެންސީއޭ)އާ ގުޅިގެން ބާއްވާ ކޮންސެޓެކެވެ.

'ހެޕީ ޗައިނީސް ނިއު އިޔަރ ކޮންސެޓް'ގެ ނަމުގައި ބާއްވާ އެ ކޮންސެޓުގައި ހަރަކާތްތައް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ ޗައިނާ ނޭޝަނަލް ސިމްފަނީ އޯކެސްޓްރާ އިންނެވެ. އެ ކޮންސެޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެރޭ 8:30ގައި ކަމަށް ޗައިނީސް އެމްބަސީ އިން ބުންޏެވެ.

ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، ޗައިނާ ނޭޝަނަލް ސިމްފަނީ އޯކެސްޓްރާގެ ހަރަކާތްތައް ފެނިގެންދާ އެ ކޮންސެޓަށް އާންމުންނަށް ހިލޭ ހުޅުވާލާފައިވާ ކަމަށެވެ. އެ ކޮންސެޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮލިމްފަހުގަ އެވެ.

ޗައިނާ ނޭޝަނަލް ސިމްފަނީ އޯކެސްޓްރާއަކީ ޗައިނާގެ އެންމެ މޮޅު ސިމްފަނީ އޯކެސްޓްރާ ގްރޫޕެވެ. އެ ގްރޫޕު 1956 ވަނަ އަހަރު އުފެދުނު އިރު، 1996 ވަނަ އަހަރު އެ ގްރޫޕުގެ ނަމަށް ބަދަލު ގެނެސްފައިވެ އެވެ. އެ ގްރޫޕުގެ މެންބަރުން ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް އެކި ވަނަތައް ހޯދައިފަ އެވެ.