24 Jun 2011, 23:53
ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގައި މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް ކްލަބް ކުޅުނު މެޗް 1-1 ލަނޑުން އެއްވަރު ވެއްޖެ އެވެ.
ދެޓީމްގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމިގެން ދިޔައިރު، ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. މެޗްގެ ފުރަތަމަ ހާފްގައި ނިއު އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ނިބުނު ކަމުގައި ވީނަމަވެސް އެ ފުރުސަތު ތަކުގެ ބޭނުން ވަނީ އެންމެ އެދެވޭ ގޮތުގައި ނުހިފި ބޭކާރު ވެފައެވެ.
އެގޮތުން ފުރަތަމަ ހާފްގެ 24 ވަނަ މިނެޓްގައި ނިއު އިން ނެގި ކޯނަރެއް، އެޓީމްގެ ސޮބާހް މުހައްމަދު ބޮލުން ފޮނުވާލި ބޯޅަ މާޒިޔާގެ ގޯލް ކީޕަރު އާތިފް އަހުމަދު ވަނީ ދިފާއު ކޮށްފައެވެ. އަދި މެޗްގެ 34 ވަނަ މިނެޓުގައި ނިއުގެ އަހުމަދު ޒުބެއިރު އޭރިޔާ ބޭރުން ފޮނުވާލި ބާރުގަދަ ހަމަލާވެސް މާޒިޔާގެ ގޯލް ކީޕަރު އާތިފް އަހުމަދު ވަނީ ދިފާއުކޮށް ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް ފޮނުވާލައިފަ އެވެ. މެޗްގެ 40 ވަނަ މިނެޓްގައި ނިއުގެ އަލީފާސިރު (ސެންޓޭ) އަށް ވެސް ވަނީ މެޗްގެ ލީޑް ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މިރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނަގާފައި ވަނީ މެޗްގެ ދެ ވަނަ ހާފްގައި މާޒިޔާ އިންނެވެ. އެގޮތުން މެޗްގެ ދެ ވަނަ ހާފްގެ 63 ވަނަ މިނެޓުގައި މާޒިޔާގެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހުސެން ނިއާޒް މުހައްމަދު (ބޮކުރީ)ގެ އެހީތެރި ކާމާއެކު އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. މިމެޗްގައި މާޒިޔާއަށް ވެސް ލަނޑު ޖަހާނެ ދެ ފުރުސަތެއް މެޗްގެ ކުރީ ކޮޅު ލިބިފައިވާ ކަން ފާހަގަ ކުރެވުނެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފްގެ 29 ވަނަ މިނެޓުގައި މާޒިޔާގެ އަލީ ނާފިއު (ކަޅޭ) ނިއުގެ ގޯލަށް ފިނުވާލި ބާރުގަދަ ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ގިނަ އަދަދެއްގެ ނިއުގެ ސަޕޯޓަރުން މެޗް ބެލުމަށްޓަކައި ދަނޑަށް ވަދެތިބި، މިރޭގެ މެޗްގައި ނިއުއިން ލަނޑު ޖަހާ މާޒިޔާއާއި ހަމަހަމަ ކުރީ މެޗްގެ 75 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ނިއުއަށް ކާމިޔާބުކޮށްދިނީ މިރޭގެ މެޗްގެ މޮޅު ކުޅުން ތެރިޔާގެ މަގާމް ދިފާއުކުރި އަލީ ފާސިރު (ސެންޓޭ) އެވެ.
މިރޭގެ މެޗް އެއްވަރުވެ، ކޮންމެ ޓީމަކަށް އެއްޕޮއިންޓް ލިބުނު އިރު، ތާވަލްގެ ތިން ވަނާގައި އޮތް ނިއު އަށް ޖުމްލަ 22 ޕޮއިންޓް ލިބިފައި ވާއިރު، ހަތަރު ވަނާގައި އޮތް މާޒިއާ އަށް ލިބިފައި ވަނީ 18 ޕޮއިންޓެވެ.
ލީގްގެ ދެ ވަނަ ބުރުގެ ކުޅުން ނިމުމަކަށް އަންނަ އިރު، ދެން މިމުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ އަންނަ ހަފްތާގެ އާދިއްތަ ދުވަހުއެވެ. އެދުވަހުގެ މެޗްގައި ބައްދަލުކުރާނީ ވިކްޓަރީ އާއި ވިޔެންސާ އެވެ.