މޯލްޑިވް ގޭސްގެ 10 މުވައްޒިފަކަށް އެ ކުންފުނީގެ ހަރަދުގައި ކިޔަވައިދިނުމަށް ނިންމައި އެ ކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.

ޑިޕްލޮމާއިން ފެށިގެން މާސްޓާސްގެ އެކި ކޯސްތައް 10 މުވައްޒިފަކަށްދީ އެކަމުގެ ލިޔުން ހަވާލުކޮށްދިނީ މިއަދު ސިޓްރޯންގައި ބޭއްވި ހަފްލާއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އެ ފުރުސަތު ފުރަތަމަ ހުޅުވާލުމުން މަދު ބަޔަކު ކުރިމަތިލިޔަސް މިހާރު އެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ގިނަ މުވައްޒިފުން އެ ފުރުސަތުގެ ބޭނުންހިފާނެ ބަޔަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް މައުމޫން ވިދާޅުވި އެވެ.

"ކޯލް ސެންޓަރުގައި އިންނަ ކުއްޖާ ނިންމައިގެން ނުވާނެ އަބަދު ފޯނުކުރަން އިންނަން، ކުރިއަރަންވާނެ،" މައުމޫން ވިދާޅުވި އެވެ.

އެކުންފުނީގެ މުވައްޒަފުންނަކީ ތައުލީމް ހާސިލްކޮށްފައި ތިބި ބަޔަކަށް ހަދަން ބޭނުންވާ ކަމަށާއި އެހެންކަމުން ފަހަށް ނުޖެހި މުވައްޒިފުން އެ ފުރުސަތުގެ ބޭނުން ހިފުމަށް މައުމޫން ގޮވާލެއްވި އެވެ.

ކުންފުނިން މުވައްޒިފުންނަށް ޓަކައި ކޮށްދޭ ކަންކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ރަނގަޅު ހިދުމަތް ދިނުމަށް މައުމޫން ގޮވާލެއްވި އެވެ.