މި އަހަރުގެ ރަމަޟާންމަހު ދުބާއީގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ގުރުއާން ހިތުދަސް ދިވެހި ހާފިޒުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަހަރުގެ ރަމަޟާންމަހުގެ 8 އިން 20 އަށް ދުބާއީގައި ބާއްވާ ބައިނަލްއަގުވާނީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އެ މުބާރާތުގައި ބައިވެރިވެވޭނީ ޤުރްއާން އެއްކޮށް ހިތުދަސް ފިރިހެނަކަށް ކަމަށް އެ އިއުލާންގައި ވަނީ ބުނެފަ އެވެ.

އެ މުބާރާތަށް ހޮވޭ ހާފިޒެއްގެ ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސް އިން ދޭން ނިންމާފައިވާ ކަމަށް ގުރުއާނާ ބެހޭ މަރުކަޒުން ބުންނެވެ.

"މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދެއްވާގޮތަށްވަނީ ހަމަޖެހިފައވެ. އަދި 27 މޭ 2017 އަށް 14 އަހަރު ނުފުރޭ ކުއްޖަކުނަމަ އެކުގައި ވަޑައިގަންނަވާނެ ބޭފުޅަކަށްވެސް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ލިބޭގޮތަށްވަނީ ހަމަޖެހިފައެވެ،" ގުރުއާނާ ބެހޭ މަރުކަޒުގެ އިއުލާންގައިވެ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި މިއަހަރުގެ މެއި މަހުގެ 27 އަށް 25 އަހަރު ފުރިފައި ނުވުމާއި އެ މުބާރާތުގައި ކުރިން ބައިވެރިވެފައިވާ ފަރާތަކަށް ވެގެން ނުވާނެ އެވެ.

އެހެންކަމުން އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް އެ މަރުކަޒުން ބޭނުންވާތީ އެކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން އަންނަ މާޗު މަހުގެ ދެ ވަނަ ދުވަހުގެ މެންދުރުފަހު 13.30ގެ ކުރިން ސިޓީއާއެކު އައިޑީކާޑް ކޮޕީ ހުށަހެޅުމަށް ގުރުއާނާ ބެހޭ މަރުކަޒުން ގެޒެޓްކޮށްފައިވާ އިއުލާންގައި ބުނެފައިވެ އެވެ.