26 Jan 2017, 11:36
ޕޯޓްއައުޕްރިންސް (ޖެނުއަރީ 26): ޚިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން ހެއިޓީގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޮވެނެލް މޮއިސްއާ އެގައުމުގެ ކޯޓަކުން ސުވާލުކޮށްފި އެވެ.
މޮއިސްއާ ސުވާލުކޮށްފައި ވަނީ 2013 ވަނަ އަހަރު ހެއިޓީގެ ފުލުހުން ބަލަން ފެށި މައްސަލައަކާ ގުޅިގެންނެވެ. ފުލުހުން ވަނީ މޮއިސް އާއި އޭނާގެ އަނބިކަނބަލުންނަށާއި ވިޔަފާރިއަށް ނިސްބަތްވާ 14 ބޭންކް އެކައުންޓެއްގެ މައުލޫމާތު ކޯޓަށް ހުށަހަޅާފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އަންނަ މަހުގެ ހަތް ވަނަ ދުވަހު މޮއިސް ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ކޯޓުން އޭނާއާ ދެކޮޅަށް މައްސަލައެއް ރެޖިސްޓާ ކުރާނެކަން އަދި ޔަގީންވެފައި ނުވެ އެވެ.
މަނީ ލޯންޑްރިންގެ މައްސަލަ ތަހުގީގު ކުރަމުންދާ ފަނޑިޔާރު މޮއިސްއާ ސުވާލު ކުރަން ނިންމެވީ އެ މައްސަލައިގެ ތަހުގީގީ ރިޕޯޓެއް ލީކުވުމާ ގުޅިގެން، މޮއިސްއާ ސުވާލު ކުރުމަށް އިދިކޮޅު ސެނެޓަރުން ޕްރެޝަރު ކުރުމުންނެވެ.
މޮއިސް ވަނީ އޭނާ ސިޔާސީ ދާއިރާއަށް ވަނުމުގެ ކުރިން ހާއްސަ ލޯނުތައް ލިބުުނު ކަމަށް ބުނާ ތުހުމަތުތަކާއި މަނީ ލޯންޑަރިންގެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އަދި އެއީ އިދިކޮޅު ފަރާތްތަކުން ހަދަހަދައިގެން ދައްކާ ވާހަކަތައް ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހެއިޓީގެ ރިޔާސީ އިންތިހާބު މޮއިސް ކާމިޔާބު ކުރެއްވި ނަމަވެސް އޭނާއާ ވާދަކުރެއްވި ތިން ބޭފުޅުން ވަނީ ބަލި ގަބޫލު ކުރަން ދެކޮޅު ހައްދަވައި، އިންތިހާބުގެ ނަތީޖާ ރަނގަޅު ނޫން ކަމަށް ވިދާޅުވެ އެ މައްސަލަ ކޯޓަށް ވައްދައިފަ އެވެ. (ބީބީސީ)