24 Jun 2011, 20:12
ރާއްޖޭގައި މަސްތުވާތަކެތީގެ "ބޮޑުން"ގެ ތެރޭގައި ހިމެނޭކަމަށް ރައީސުލްޖުމްހުރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވި މީހުންގެ ތެރެއިން މީހަކު ހައްޔަރުކުރުމަށް ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ 10 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނީ މިއަދު ކަމަށެވެ. އަދި އެކިމީހުންނަށް ބަންދުގެ ޖަހައިދިނީ އެކި ވަރަށް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް، އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
ހ. ފަށަން ގޭގައި ކުއްޔަށް ހިފައިންގެން އުޅޭ ތަނެއްގެ ތެރެއިން އެ 10 މީހުން ރޭ ހައްޔަރު ކުރީ މަސްތުވާތަކެތި ވިއްކުމަށްޓަކައި އެތަކެތި ބަންދުކުރަން ތިއްބައި ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގެ ތެރޭގައި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކު ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
"މަސްތުވާތަކެތީގެ ވިޔަފާރި އެންމެ މަތީ ލެވެލްގައި މިކަން ކުރަމުންދިޔަ މީހަކު މީގެ ތެރޭ ހިމެނޭ. އެއީ ހައިޕްރޮފައިލް ޓާގެޓެއް،" ފުލުހުންގެ ޑްރަގް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު ރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމީހުން އަތުން އަތުލައިގަތް މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ ވައިގެ މަގުންނެވެ. ނަމަވެސް ފެނުނު މަސްތުވާތަކެތީގެ ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ރޭގެ އޮޕަރޭޝަނުގައި 10 މީހަކު ފުލުހުން ހައްޔަރުކޮށްފައި މިވަނީ އޭގެ ދެދުވަސް ކުރިން މާލޭގައި ހިންގާ އޮފީހެއްގެ ތެރެއިން ތިން ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެ، ތުހުމަތުކުރެވޭ ދެމީހަކު ހައްޔަރުކޮށްފައިވަނިކޮށެވެ.