ށ. އަތޮޅާއި ނ. އަތޮޅުގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޑިޒައިންކޮށް، ގާއިމްކޮށް އަދި ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ދެ އަތޮޅުގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމްކުރަނީ އެންވަޔަރަމަންޓް މިނިސްޓްރީ އިން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ ލޯނު އެހީގައި ހިންގަމުންދާ ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކަމަށެވެ.

ޕްރޮޖެކްޓުގެ ދަށުން އެ ދެ އަތޮޅުގައި ރިނިއުބަލް އެނާޖީ ހައިބްރިޑް ޕަވާ ޕްލާންޓްތަކެއް ޑިޒައިންކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށްދީ އެ ސިސްޓަމް ބަލަހައްޓަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ޕްރޮޖެކްޓުގެ ދަށުން އެ ދެ އަތޮޅުގެ ރަށްތަކުގައި ހުރި ޑީސަލް ޕަވާ ޕްލާންޓްތައް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި އެ ރަށްތަކުގައި ބޭނުންކުރާ ޑީސަލް ޕަވާ ޕްލާންޓްތައް އޮޓޮމޭޓްކުރުމާއި ޕަވާ ޑިސްޓްރިބިއުޝަން ގްރިޑްތަކުގެ ފެންވަރު ރަނގަޅުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ށ. އަދި ނ. އަތޮޅުގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 100 ޑޮލަރުގެ ނަން ރިފަންޑާބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. އެ ފައިސާ ބަލައިގަންނާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ.

އަދި ބީލަން ފޮތުގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ހަމަވާ ގޮތަށް އެ ޕްރޮޖެކްޓްުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 240،000 އެމެރިކާ ޑޮލަރު ހުށަހަޅަންޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:00ގައި އެ މިނިސްޓްރީގައި ކަމަށާއި ބީލަން ހުޅުވުން އޮންނާނީ މި އަހަރުގެ އޭޕްރިލް ތިން ވަނަ ދުވަހު ކަމަށެވެ.