މާދަމާ މާލޭގައި ފަށާ ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް އީރާން ގައުމީ ޓީމާއި ނޭޕާލްގެ ގައުމީ ޓީމު ރާއްޖެ އަތުވެއްޖެ އެވެ.

އެ މުބާރާތުގައި ވާދަކުރުމަށް އީރާން ޓީމު އިއްޔެ މެންދުރުފަހު ރާއްޖެ އައިސްފައިވާއިރު، ނޭޕާލް ޓީމު ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް އީރާން ޓީމު ރާއްޖެ އައުން --- ފޮޓޯ/ މުހައްމަދު އަހުސަން

އީރާން ގައުމީ ޓީމާއި ނޭޕާލް ގައުމީ ޓީމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާއި ވޮލީބޯޅަ އާއިލާގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެ ދެޓީމުގެ އިތުރުން އިއްޔެ ވަނީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)ގެ ސުޕައިވައިޒަރަކާއި ރެފްރީއެއް ވެސް ރާއްޖެ އައިސްފައެވެ.

އެ މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި ނޭޕާލްއެވެ. އަންނަ ހޮނިހިރު ދުވަހު ނޭޕާލްއާއި އީރާން ބައްދަލުކުރާއިރު، އަންނަ އާދީއްތަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި އީރާނެވެ. ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހަވީރު 5:00 ގައެވެ.

ކޮލިފައިން މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، އެއްވަނަ ހޯދާ ޓީމަކަށް އޭޝިއާ ޒޯންގެ ފައިނަލް ބުރުން ޖާގަ ލިބިގެންދާނެ އެވެ.