ވޮޝިންޓަން (ޖެނުއަރީ 26): އެމެރިކާ އާއި މެކްސިކޯ ގުޅޭ ހުރަސް ރޮނގު މަތީގައި ފާރެއް ރޭނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އަމުރެއް ނެރުއްވައިފި އެވެ.

ދިގުމިނުގައި 2،000 މޭލު ހުންނަ ފާރެއް އެމެރިކާ އާއި މެކްސިކޯއާ ދެމެދު ރޭނުމަކީ ޓްރަމްޕުގެ ރިޔާސީ ކެމްޕެއިންގައި އެންމެ އިސްކަންދެއްވި އެއް ވައުދެވެ.

ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގައި އޮތް ރަސްމިއްޔާތެއްގައި ފާރު ރޭނުމަށް އަމުރު ކުރައްވަމުން ޓްރަމްޕް ވަނީ އެމެރިކާގެ ދެކުނުގައި އޮންނަ ބޯޑަރު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން ބޯޑަރުގެ ސަލާމަތީ އޮފިސަރުން އިތުރު ކުރުމަށް 10،000 އިމިގްރޭޝަން އޮފިޝަލުން އައްޔަން ކުރުމަށް ވެސް ޓްރަމްޕްގެ ރިޔާސީ އަމުރުގައިވެ އެވެ.

"ބޯޑަރަކާ ނުލައި ގައުމެއް ގައުމަކަށް ނުވާނެ. މިއަދުން ފެށިގެން އެމެރިކާގެ ބޯޑަރުތަކުގެ ކޮންޓްރޯލް ވަނީ އެމެރިކާއަށް ލިބިފައި،" ޓްރަމްޕް ވިދާޅުވި އެވެ.

މީގެ ކުރިން ޓްރަމްޕް ލަފާ ކުރެއްވި ގޮތުގައި ފާރު ރޭނުމަށް އަރާނީ އަށްބިލިއަން ޑޮލަރެވެ. ނަމަވެސް ފާޑު ކިޔާ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ބޯޑަރު ފާރު ރޭނުމަށް އޭގެ ދެ ގުނަ ހަރަދު ވާނެ އެވެ. އަދި ފާރު ރޭނުމަށް ބޭނުންވާ ފައިސާ ހަރަދު ކުރުމަށް ކޮންގްރެސްގެ ރުހުން ބޭނުން ވާނެ އެވެ.

މީގެ އިތުރުން އޭބީސީ ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ ފާރު ރޭނުމުގެ މަސައްކަތް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފައްޓާނެ ކަމަށާއި ފާރު ރާނާ ނިމުމުން މެކްސިކޯ އިން އޭގެ އަގު އަދާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މެކްސިކޯގެ ރައީސް އެންރީކޭ ޕެންޔާ ނިއޭޓޯ ވަނީ ފާރުގެ އަގު އެގައުމުން އަދާ ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"މެކްސިކޯ އިން އެފަދަ ފާރުތަކަށް ތާއިދު ނުކުރޭ. އަޅުގަނޑު ތަކުރާރުކޮށް ބުނެފިން: މެކްސިކޯ އިން އެއްވެސް ފާރަކަށް ހަރަދު ނުކުރާނެ،" ޓީވީ މެދުވެރިކޮށް ދެއްވި ކުޑަ މެސެއްގައި ރައީސް ނިއޭޓޯ ވިދާޅުވި އެވެ.

އަދި ރައީސް ނިއޭޓޯ ވަނީ އެމެރިކާގެ ނިންމުން ކުށްވެރި ކުރައްވައި އޭގެ ސަބަބުން ދެ ގައުމުގައި ދެބައިވުން އިތުރުވެގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިމަހުގެ ފަހުކޮޅު ރައީސް ނިއޭޓޯއާ ބައްދަލުކުރައްވަން ހަމަޖައްސަވާފައިވާ ޓްރަމްޕް ވިދާޅުވި ގޮތުގައި ފާރުގެ ސަބަބުން ދެ ގައުމުގެ ގުޅުން ކުރިއަށް ވުރެ ރަނގަޅު ވާނެ ކަމަށެވެ. (އަލްޖަޒީރާ)