އިނގިރޭސި ލީގު ކަޕުން ލިވަޕޫލް ކަޓުވާލުމަށް ފަހު، ސައުތު ހެމްޓަންއިން ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު ސެމީގެ ދެވަނަ ލެގު މެޗުގައި ލިވަޕޫލް އަތުން 1-0 ލަނޑުން ސައުތުހެމްޓަން ވަނީ ކުރި ހޯދައިފަ އެވެ. އެނަތީޖާއާ އެކު ސައުތުހެމްޓަން ފައިނަލަށް ދަތުރުކުރީ 2-0 ލަނޑުގެ އެގްރިގޭޓުން ކުރީގައި އޮވެގެންނެވެ. މިއީ 1979 ވަނަ އަހަރަށް ފަހު ލީގު ކަޕްގެ ފައިނަލުން ސައުތުހެމްޓަން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

އިނގިރޭސި ލީގު ކަޕްގެ ސެމީގެ ދެވަނަ ލެގުގައި ލިވަޕޫލްއާއި ސައުތުހެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ސައުތުހެމްޓަން މޮޅުވީ 1-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ލިވަޕޫލްގެ ޑެނިއެލް ސްޓަރިޖްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔަ އިރު، ސައުތުހެމްޓަންގެ ސްޓީވަން ޑޭވިސްއާއި ޑެސަން ޓަޖިޗްއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، ސައުތުހެމްޓަންގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. ދެވަނަ ހާފުގައި ސްޓަރިޖްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔަ އިރު، އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކޫޓީނިއޯއަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ.

އިނގިރޭސި ލީގު ކަޕްގެ ސެމީގެ ދެވަނަ ލެގުގައި ލިވަޕޫލްއާއި ސައުތުހެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ސައުތުހެމްޓަން މޮޅުވީ 1-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގައި ސައުތުހެމްޓަން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގަ އެވެ. ހޯޝުއާ ސިމްސް ދިން ބޯޅައަކުން ސައުތުހެމްޓަންއަށް އެލަނޑު ކާމިޔާބުކޮށްދިނީ ޝޭން ލޯންގް އެވެ. ސައުތުހެމްޓަންއިން އެލަނޑު ކާމިޔާބުކުރީ ލިވަޕޫލްގެ ކުޅުންތެރިން ކުރިއަށްޖެހި ކުޅުމުންދަނިކޮށް ކައުންޓާއެޓޭކެއްގަ އެވެ.

ލީގު ކަޕްގެ ފައިނަލުގައި ސައުތުހެމްޓަންއާ ދެކޮޅަށް ނުކުންނަ ޓީމެއް ކަށަވަރު ވާނީ މިރޭ ހަލް ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ ސެމީގެ ދެވަނަ ލެގު މެޗަށްފަހު އެވެ. ސެމީގެ ފުރަތަމަ ލެގު މެޗު 2-0 ލަނޑުން ކާމިޔާބުކޮށްފައި ވަނީ ޔުނައިޓެޑެވެ. އެމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ.