25 Jan 2017, 23:54
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެޅުމަށް ހަމަޖައްސާފައިވާ އާ ޓާމިނަލް ހެދުމަށް ނިންމާފައިވާ ސަރަހައްދުގައި ހުރި އިމާރާތްތައް ނަގައި، މާޗްމަހުގެ ނިޔަލަށް އެ ބިން ހުސްކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މައުލޫމާތު ހިއްސާކުރުމަށް އެ ކުންފުނިން މިއަދު ފެށި ހަރަކާތުގެ ފުރަތަމަ ސެޝަނަށް ފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެކުންފުނީގެ ޑެޕިއުޓީ ޗީފް އޮފިސަރު އޮފް އިންޖިނިއަރިން އެންޑް ޔޫޓިލިޓީސް އަލީ ރިފާއު ވިދާޅުވީ، އާ ޓާމިނަލް އަޅާ ސަރަހައްދުގައި ހުރި އިމާރާތްތައް އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން މިހާރު އެސަރަހައްދުގައި ހުރީ އެންމެ ދެ އިމާރާތް ކަމަށެވެ. އަދި މާޗް މަހުގެ ނިޔަލަށް އެސަރަހައްދުގެ ބިން އެއްކޮށް ހުސްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާ ޕެސެންޖާ ޓާމިނަލް ހުރި ސަރަހައްދުގައި ހުރީ އެމްއޭސީއެލްގެ ބައެއް އޮފީސްތަކާއި މެޝިނަރީސް އަދި ފެނާއި ނަރުދަމާ އެވެ. އެފަދަ ތަންތަން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ކައިރިވެފައެވެ.
ޓާމިނަލް އެޅުމަށްޓަކައި ހުސްކުރާ ބިން، އެސަރަހައްދު ހުސްކުރުމަށްޓަކައި އެތާ ހުރި ހުރިހާ އިމާރާތަކެއް ކަހަލަ ގޮތަކަށް އެންމެ ދެ އިމާރާތެއް ފިޔަވައި މިހާރު ވަނީ ބަދަލުކުރެވިފަ. އެ ދެ އިމާރާތުގެ މަސައްކަތްވެސް މިހާރު އެދަނީ ކުރަމުން. ގާތްގަނޑަކަށް އަޅުގަނޑުމެންގެ އެސްޓިމޭޓަކީ މާޗް ނިމެންވާއިރު އެސަރަހައްދު އެކީގަ ހުސްކޮށް ނިންމާލެވޭނެ ކަމަށް،" ރިފާއު ވިދާޅުވިއެވެ.
ފަސް މިލިއަން ޕަސިންޖަރުންނަށް ޚިދުމަތް ދިނުމަށްޓަކައި ތަރައްގީ ކުރާ މި އާ ޓާމިނަލް އަކީ 80،000 މީޓަރުގެ ބޮޑު ސަރަހައްދެއްގައި ތަރައްގީ ކުރާ ޓާމިނަލެކެވެ. އެ ޓާމިނަލްގައި 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެ އެވެ. އަދި ޒަމާނީ ފެންވަރަށް ހަދައި ހިޔާ ކޮށްފައިވާ 12 ޖެޓީއާއި ހަ އެއިރޯ ބްރިޖްގެ އިތުރުން ފިއުލް ހައިޑްޓްރެންޓް ސިސްޓަމަކާއި ހައި އެކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމެއް ގާއިމް ކުރާނެ އެވެ.
އާ ޓާމިނަލް އެޅުމުގެ މަސައްކަތް ފެށުމަކާ ގާތްވެފައިވާއިރު، އެއާޕޯޓުގައި ތަރައްގީ ކުރާ އާ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ 90 ޕަސެންޓު ނިމިފައެވެ. ރިފާއު ވިދާޅުވީ މިހާރު އެންމެ ބާރަށް ކުރިއަށް ދަނީ އެ މަސައްކަތް ކަމަށެވެ.
އާ ރަންވޭ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އެއީ 400 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމަށް ޗައިނާއިން ވަނީ 373 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފައެވެ.
ވީއައިއޭގެ މާސްޓަ ޕްލޭންގެ މައުލޫމާތު ދިނުމަށް އެމްއޭސީއެލްއިން މިއަދު ފެށި ހަރަކާތުގެ ދަށުން މިއަދު ބޭއްވި ސެޝަންގައި މައުލޫމާރު ދީފައިވަނީ މިނިސްޓްރީތަކަށެވެ. މި ހަރަކާތުގެ ދަށުން ކޮންމެ ހަފްތާއަކުވެސް އެކި ދާއިރާތަކުގެ މީހުން ގެންގޮސް މައުލޫމާތު ދޭން އެމްއޭސީއެލްއިން ވަނީ ހަމަޖައްސާފައެވެ.