އޭދަފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ އިއްޔެ އިރުއޮއްސުނު ވަގުތު އޭދަފުށީގައި ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނަކަށް ކަމަށެވެ. އަދި އޭނާއަށް އޭދަފުށީ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރަށް ފަރުވާދިނުމަށްޓަކައި އޭނާ މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ އެކްސިޑެންޓްގައި އަނިޔާލިބުނު ތިން މީހަކަށް އޭދަފުށީ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ އޭދަފުށީ ޔޫސުފްކަލޭނފާނު މިސްކިތާއި ދިމާ ބަދަރުމަތިން އިރުން ހުޅަނގަށް ދުއްވާފައި އައި ސައިކަލަކާއި ހުޅަނގުން އިރަށް ދުއްވާ އައި ސައިކަލެއް ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓް އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުންނެވެ.