14:30


މިސަރަހައްދުގެ އިންޓަޕޯލް އޮފިސަރުންގެ ނުވަ ވަނަ ބައްދަލުވުން ބަޑޮސް އައިލެންޑް ރިސޯޓްގައި ފެށިއްޖެ އެވެ.


މިއަދު ހެނދުނު ދިހައެއް ޖެހިއިރު ބަނޑޮސް އައިލެންޑް ރިސޯޓްގައި ފެށިގެން ކުރިއަށްދާ ތިން ދުވަހުގެ މިބައްދަލުވުން ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް މުހައްމަދު ޝިހާބެވެ.


މިބައްދަލުވުމާ ބެހޭ އިތުރު ތަފްސީލް ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މިއީ އިންޓަޕޯލްގެ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރު ކަމަށާއި މިބައްދަލުވުމުގެ ސަބަބުން އިންޓަޕޯލް މެދުވެރިކޮށް ޤައުމުތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ރާއްޖެއަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.


ޝިޔާމް ވިދާޅުވީ ތިން ދުވަހުގެ މިބައްދަލުވުމުގައި މިސަރަހައްދަށް ދިމާވެފައިވާ އެންމެ ކަންބޮޑުވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރާނެ ކަމަށާއި އޭގެތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި، ހިއުމަން ޓްރެފިކިންގ މައްސަލަތަކާ، ޓެރަރިޒަމްގެ މައްސަލަތައްބެހޭ ހިމެނޭ ކަމަށެވެ. އަދި މިއަދުގެ މަޝްވަރާތަކުގައި ކުރިއަށްދާނީ ޤައުމުތަކުން އެޤައުމުތަކަށް އެންމެ ކަންބޮޑުވާކަންތައްތަކާ އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.


މިއަދުގެ މިބައްދަލުވުމުގައި މިސަރަހައްދުގެ 20 ޤައުމުމަކުން 30 މަންދޫބުން ބައިވެރިވެ އެވެ.