ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުން ދިވެހި ޒުވާނުންދަނީ ފުރުސަތު ހޯދަމުންނެވެ. ދުނިޔޭގެ ފެންވަރުގައި ވާދަކުރަމުންނެވެ. ހުނަރުވެރިކަން ހުރިކަން ސާބިތު ކޮށްދެމުންނެވެ. ނަމަވެސް މި ޒުވާނުންގެ އަގު ވަޒަން ކުރަނީ ނިސްބަތުން މަދު ބައެކެވެ. އެއީ އެ ޒުވާނުންގެ ވެސް ބޮޑު ޝަކުވާއެކެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިރޭ އޮލިމްޕަހުގައި ބޭއްވި ހަފްލާގައި، އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި ގެންދެވީ ދިވެހި ޒުވާނުންނަށް ތައުރީފް ކުރައްވަމުންނެވެ. ޒުވާނުންނަށް ކުރިއެރުންތަކެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

"ދިވެހި ޒުވާނުންނަކީ ވަރަށް ހުނަރުވެރި ކާމިޔާބީއަށް މަސައްކަތްކުރާ ބައެއް. މިއުޒިކަށް ލޯބިކުރާ ހުނަރުވެރި ބައެއް،" އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިރޭ އޮލިމްޕަހުގައި ބޭއްވި ހަފްލާގެތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

މިޝްރާ ވިދާޅުވި ގޮތުގައި، ދިވެހި ފަންނުވެރިންނަށް ބޭނުންވަނީ އިތުރު ތަމްރީންތަކަކާއި އެމީހުންގެ ހުނަރު ދައްކާލެވޭނެ ވަރުގެ ބޮޑު ޕްލެޓްފޯމެކެވެ. އެގޮތަށް އެކަންވެއްޖެނަމަ މިޝްރާ ގަބޫލުކުރައްވާ ގޮތުގައި، ރާއްޖޭގެ ހުނަރުވެރި ޒުވާނުން ވެގެންދާނީ އާޓްސްގެ ދާއިރާގައި ރާއްޖޭގެ ބްރޭންޑަކަށެވެ. އަދި ރާއްޖެ ޕްރޮމޯޓްކުރުމުގައި ދިވެހި ސަގާފަަތް ވެގެންދާނީ ވަރުގަދަ މީޑިއާއަކަށް ކަމަށް ވިދާޅުވިއެވެ.

"އަޅުނގަޑުމެން މިހާރު މިގެންދަނީ ދިވެހި ޒުވާނުންގެ ހުނަރުތައް ދެނެގަނެ އެމީހުންގެ އުއްމީދުތަކަކީ ކޮބައިތޯ ބަލަމުން. އަދި އެ އުއްމީދުތަކަށް ބަލައި އެކަށީގެންވާ ފުރުސަތުތައް ފަހިކޮށްދެމުން. އެގޮތުން ގިނަ ބައެއްގެ އެހީތެރިކަމާއެކު އެއް އަހަރުގެ ތެރޭގައި ހުނަރުވެރި، ތިން ބޮޑުބެރު ގްރޫޕް އިންޑިއާއަށް ވަނީ ފޮނުވާފައި،" ސަފީރު މިޝްރާ ވިދާޅުވިއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިރޭ އޮލިމްޕަހުގައި ބޭއްވި ހަފްލާގެތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

މިޝްރާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އޭނާ މިހާތަނަށް ހޭދަކުރެއްވި އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަނީ ޒިޔާރާތްކޮށްފައެވެ. އަދި އެއިން ކޮންމެ ސަރަހައްދަކުން ވެސް ފެންނަނީ ދިވެހީންގެ ހިތްހެޔޮކަމާއި އަޅާލުންކަން ސަފީރު ފާހަގަކުރެއްވިއެވެ.