25 Jan 2017, 20:37
ރާއްޖޭގައި ހިންގަމުން އަންނަ އޮންލައިން ނޫހެއްކަމަށްވާ "ވަގުތު އޮންލައިން" ހެކްކޮށް، ބޭއަދަބީ ފޮޓޯއާއި ލިޔުންތަކެއް ހާމަ ކުރި ކުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުށްވެރިކޮށްފި އެވެ.
އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަގުތު އޮންލައިނުގައި އެފަދަ ބޭ އަދަބީ ފޮޓޯތަކާއި ލިޔުން ހާމަވެގެން ދިއުމަކީ އެ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އިސްލާމީ މުޖުތަމައުގައި ހިނގައިގެން ވާނެ ކަމެއް ކަމުގައި އެ ކައުންސިލުން ގަބޫލު ނުކުރާ ކަމަށެވެ.
"އެކަމަކީ ކޮންމެ ބަޔަކު ކޮންމެ ނިޔަތެއްގައި ކުރިކަމެއް ކަމުގައި ވީ ނަމަވެސް، އެފަދަ އެއްވެސް ކަމަކީ ދިވެހި އިސްލާމީ މުޖުތަމައުގައި، އެއްވެސް ހާލެއްގައި ހިނގައިގެންވާނެ ކަމެއް ކަމަކަށް މި ކައުންސިލުން ގަބޫލެއް ނުކުރަމެވެ." އެމްއެމްސީން ނެރުނު ބަޔާނުގައިވެ އެވެ.
އެފަދަ ނޭދެވޭ އަމަލުތައް އެ ކައުންސިލުން ކުށްވެރިކުރާ ކަމަށާއި، އެފަދަ ކަން ކަމަށް މަގުފަހި ނުވާ ގޮތަކަށް މީޑިއާތަކުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.
"ވަގުތު" އަށް ސައިބާ ހަމަލާއެއް ދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ނޫހުން ބުނެ އެވެ. އަދި އެފަދަ ކަންކަން ކުރިއަށް އޮތްތަނުގައި ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށްވެސް "ވަގުތު" އިން ބުނެ އެވެ.