ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަ ބޮޑުކަމަށާއި، ނަމަވެސް ސަރަހައްދީ ގައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި އެ މައްސަލަ ކުޑަ ކަމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝާނަލްގެ ދިރާސާއަކުން ދައްކައިފިއެވެ.

އެ ޖަމިއްޔާއިން ކޮންމެ އަހަރަކުވެސް"ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް"(ސީޕީއައި) ކިޔާ އިންޑެކްސްއެއް އެކުލަވާލާ އިރު، ޓްރާންސްޕޭރެންސީއިން މިއަދު ވަނީ 2016 ވަނަ އަހަރުގެ އިންޑެކްސް ނެރެފައެވެ.

މި އިންޑެކްސްގައި ރާއްޖެ އެންމެ ފަހުން ހިމެނިފައި އޮތީ 2011 ވަނަ އަހަރުއެވެ. އެ އަހަރު ރާއްޖެ ހިމެނިފައި އޮތީ 2.5 ގެ ސްކޯއަކާ އެކު، އިންޑެކްސްގެ 134 ވަނައިގައެވެ.

ޖެހިގެން އައި ހަތަރު އަހަރު އެ އިންޑެކްސްގައި ރާއްޖެ ހިމަނާފައި ނުވެއެވެ. ނަމަވެސް 2016 ވަނަ އަހަރުގެ އިންޑެކްސްގައި ރާއްޖެ ހިމަނާފައިވާ އިރު، 2011 ވަނަ އަހަރު މި އިންޑެކްސް ހެދުމުގައި ޓްރާންސްޕޭރެންސީއިން ގައުމުތަކަށް ސްކޯ ދޭގޮތާއި މައުލޫމާތު އެއްކުރާ މެތޮޑޮލޮޖީއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ.

މިދިޔަ އަހަރުގެ އިންޑެކްސްގައި ރާއްޖެ އޮތީ އިންޑެކްސްގެ 95 ވަނައިގައި، 36 ޕޮއިންޓުގެ ސްކޯއަކާ އެކުގައެވެ.

އެހެން ނަމަވެސް ރާއްޖެ އެ ވަނައިގައި އޮތީ އިތުރު ފަސް ގައުމަކާ އެކުގައެވެ. އެއީ އަވަށްޓެރި ސްރީލަންކާ، އާޖެންޓީނާ، ބެނިން، އެލް ސަލްވަޑޯ އަދި ކޮސޯވޯއެވެ. މި ގައުމުތަކުގެ ތެރޭގައި އާޖެންޓީނާގައި ކޮރަޕްޝަނަކީ ވަރަށް ބޮޑު މައްސަލައެކެވެ. އަދި ބެނިންއާއި ކޮސޯވޯގައި ކޮރަޕްޝަން އޮތީ ކަންބޮޑުވާންޖެހޭ ފަދަ ހާލަތެއްގައެވެ.

މީގެ އިތުރުން، ރާއްޖެއާ ކައިރި ވަނަތަކުގައި، ހަމަނުޖެހުން ބޮޑު ގައުމުތައް ހުރިކަން ވެސް ފާހަގަކުރެވެއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި، އޭޝިއާގެ އެންމެ ވާދަވެރި ދެ ގައުމު، އިންޑިއާ އަދި ޗައިނާވެސް އޮތީ 40 ޕޮއިންޓާ އެކު، އިންޑެކްސްގެ 79 ވަނައިގައެވެ.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި، ކޮރަޕްޝަން އެންމެ މަދު ކަމަށް ފާހަގަކުރެވި، ލިސްޓުގެ އެންމެ ކުރީގައި އޮތީ ޑެންމާކާއި ނިއުޒިލެންޑެވެ. އެ ދެ ގައުމަށް އިންޑެކްސްގައި ލިބުނީ 90 ޕޮއިންޓުގެ ސްކޯއެކެވެ.

ލިސްޓުގެ އެންމެ ފުލުގައި، އެންމެ ކޮރަޕްޓް ގައުމުތަކުގެ ގޮތުގައި އޮތީ އުތުރު ކޮރެއާ، ދެކުނު ސޫދާން އަދި ސޯމާލިއާއެވެ.

ސާކް އަދި އޭޝިއާ ޕެސިފިކްގެ ގައުމުތައް

ދެކުނު އޭޝިއާގެ އަށް ގައުމުގެ ކޮރަޕްޝަން ސްކޯއަށް ބަލާއިރު، ކޮރަޕްޝަން އެންމެ ދަށީ ބޫޓާންގައެވެ. ބޫޓާނަށް އިންޑެކްސްގައި 65 ޕޮއިންޓުގެ ސްކޯއެއް ލިބުނު އިރު، ދެވަނައަށް އޮތީ 40 ޕޮއިންޓާ އެކު އިންޑިއާއެވެ. ތިންވަނައަށް 36 ޕޮއިންޓާ އެކު ރާއްޖެއާ ލަންކާ އޮތް އިރު، ފަސްވަނައަށާއި ހަވަނައަށް އޮތީ 32 ޕޮއިންޓާ އެކު ޕާކިސްތާން އަދި 29 ޕޮއިންޓާ އެކު ނޭޕާލެވެ. ފުލުން ދެވަނައަށް 26 ޕޮއިންޓާ އެކު ބަންގްލަދޭޝް އޮތް އިރު، ދެކުނު އޭޝިއާގެ އެންމެ ކޮރަޕްޓް ގައުމަކީ 15 ޕޮއިންޓުގެ ސްކޯއަކާ އެކު އަފްގާނިސްތާނެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ބުނާ ގޮތުން، މިދިޔަ އަހަރު އޭޝިއާ ޕެސިފިކް ސަރަހައްދުން ކޮރަޕްޝަންގެ ހާލަތު އެންމެ ބޮޑަށް ދަށްވީ އަފްގާނިސްތާނުގައެވެ. މީގެ އިތުރުން ޓިމޯ ލެސްޓޭ، ލާއޯސް، މިޔަންމާގައި ކޮރަޕްޝަން ނައްތާލުމަށް ފަހި މާހައުލެއް ގާއިމުވެގެންދާ ކަމަށާއި، ކޮރަޕްޝަންގެ ހާލަތު ދަށްކުރެވޭނެކަމުގެ އުންމީދު އެބަ އޮތް ކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުން ކޮރަޕްޝަނުގެ ހާލަތު އިތުރަށް ގޯސްވި ދެ ގައުމަކީ ކެމްބޯޑިއާ އަދި ތައިލެންޑެވެ. އަދި އޭޝިއާ ޕެސިފިކްގެ ކޮރަޕްޝަން ވޮޗް ލިސްޓުގައި ޗައިނާ، އޮސްޓްރޭލިއާ އަދި އިންޑިއާ ހިމެނެއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ޗެއާ ހޮޒޭ އުގާޒް ވިދާޅުވީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ރައްޔިތުންގެ އަސާސީ ބޭނުންތައް ނުފުދި، ކޮންމެ ދުވަހެއް ބަނޑުހައިހޫނުކަމުގައި ނިންމާލަން ޖެހެނީ އާރާއި ބާރު ހުރި މީހުންގެ ކޮރަޕްޝަނާ ހެދި ކަމަށެވެ.