ދިރާގް ދިވެހިލީގް ފުޓްބޯޅަ މުބާރާތުގެ ދެވަނާގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާއި ދެމެދު އޮތް ފަރަގު އަނެއް ކާވެސް ވީބީ ސްޕޯޓްސް ކުލަބުން ފަސް ޕޮއިންޓަށް ބޮޑުކޮށްފި އެވެ.

ލީގްގެ ދެވަނަ ބުރުގެ ކުޅުން ނިމުމަކަށް އަންނަ އިރު، މިއަދު ހަވީރު އޭވައިއެލްއާއި ބައްދަލުކޮށް ވީބީ ސްޕޯޓްސް ކުލަބުން މެޗް ކާމިޔާބުކޮށް، ތާވަލްގެ ދެވަނާގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ބޮޑު ކުރީ 6-0 ލަނޑުން މިއަދުގެ މެޗް ވީބީން ކާމިޔާބު ކޮށްގެންނެވެ.

ވީބީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު އެ ޓީމުން ޖަހައި ލީޑް ނަގައިފައި ވަނީ މެޗްގެ ފުރަތަމަ ހާފްގެ ފަސް ވަނަ މިނެޓްގައި އައްސަދު އަލީ (އަޑުބަރޭ) އެވެ. ވިބީގެ ދެވަނަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި އާދަމް ފަޒީހް ކާމިޔާބު ކޮށްދިން އިރު، ތިން ވަނަ ލަނޑު ވީބީއަށް ކާމިޔާބު ކޮށްދިނީ މިއަދުގެ މެޗްގައި މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ސަންވީލް ޤާސިމް (ބޮންޑާ) އެވެ. އަދި ވީބީގެ ހަތަރު ވަނަ ލަނޑު މެޗްގެ ދެވަނަ ހާފްގެ 58 ވަނަ މިނެޓްގައި އާދަމް ލަރީފް (ރޮނާ) ކާމިޔާބު ކޮށްދިން އިރު، ފަސް ވަނަ ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ވީބީއަށް ކާމިޔާބު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަބޫ އެވެ. މިމެޗްގައި ވީބީން ޖެހި އެޓީމްގެ ހަ ވަނަ ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް އެ ޓީމަށްކާމިޔާބުކޮށްދިން އައްސަދު އަލީ (އަޑުބަރޭ) އެވެ.

މިއަދުގެ މެޗަށް ފަހު ވީބީގެ ތުރުކީ ކޯޗް ކޭން ވަންލީ ބުނީ، ޓީމްގެ ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށާއި މެޗުން މޮޅުވެ ތިން ޕޮއިންޓް ލިބުމުން އުފާވާ ކަމަށެވެ.

ވީބީ ކޯޗް ވަންލީގެ އިތުރުން އޭވައިއެލްގެ ކޯޗް އަހުމަދު ނާސިދު ބުނީ، މެޗަށް ނިކުތީ ވީބީއަކީ މޮޅު ޓީމެއްކަން އިނގިގެން ކަމަށާއި މެޗްގައި ޓީމް ދެއްކީ ހިތް ހަމަޖެހޭ ވަރުގެ ރަނގަޅު ކުޅުމެއް ކަމަށެވެ.

މިމެޗުން ވީބީ މޮޅުވުމުން ލީގުގެ އެއްވަނާގައި އެ ޓީމަށް ޖުމްލަ 31 ޕޮއިންޓު ލިބިފައި ވާއިރު، މެޗުން ބަލިވި އޭވައިއެލް އަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ. ލީގުގެ ދެވަނާގައި އޮތް ވިކްޓަރީއަށް 26 ޕޮއިންޓު ލިބިފައިވާ އިރު، ތިން ވަނާގައި އުޅޭ ނިއުއަށް ލިބިފައި ވަނީ 21 ޕޮއިންޓެވެ. އަދި 17 ޕޮއިންޓާއެކު ލީގުގެ ހަތަރު ވަނާގައި މާޒިޔާ އުޅޭ އިރު، ފަސް ވަނާގައި 13 ޕޮއިންޓާ އެކު އޮތީ އީގަލްސްއެވެ.

މިމުބާރަތުގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާ ދެޓީމަކީ މާޒިޔާއާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. މިރޭގެ މެޗަށް މިދެޓީމް ނުކުންނަ އިރު މިސީޒަންގެ ކުރީކޮޅު ވިކްޓަރީއަށް ކުޅެމުން އައިސް، ފަހަކަށް އައިސް އެޓީމްގެ ބެންޗުގައި އިންނަން ޖެހުމުގެ ސަބަބުން، ކުލަބުން ރިލީޒް ހޯދައި މިދިޔަ ބުދަ ދުވަހުގެ ރޭ ނިއުއަށް ސޮއިކުރި ސޮބާހް މުޙައްމަދު މިރޭގެ މެޗްގައި ކުޅޭނެ އެވެ.

ސޮބާ ބުނީ، މިރޭގެ މެޗަށް ނިކުންނާނީ ރަނގަޅަށް ކުޅެ މެޗުން މޮޅުވާން ކަމަށާއި މެޗްގެ 90 މިނެޓް ކުޅެވޭނެ ކަމުގެ އުންމީދު އެބޮތް ކަމަށެވެ. ސޮބާ ވަނީ އިއްޔެ ނިއުގެ ފަރިތަކުރުން ތަކުގައި ވެސް ބައިވެރިވެފައެވެ.
ނިއުއާއި މާޒިޔާ ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައެވެ.