25 Jan 2017, 19:10
މެސެޗޫސެޓްސް(ޖެނުއަރީ 25): އެމެރިކާގެ މެސެޗޫސެޓްސްގެ މީހަކު އޭނާގެ އެނދު ދަށުގައި ފޮރުވާފައި ހުރި 20 މިލިއަން ޑޮލަރު ހޯދައިފި އެވެ.
އެއީ އިންޓަނެޓް ފޯން ހިދުމަތް ދޭ ކުންފުންޏެއް ކަމަށް ބުނެ އޮޅުވާލައިގެން ޕިރަމިޑް ސްކީމަކުން އެއް ބިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ފައިސާ ހޯދި ކުންފުންޏެއް ކަމަށްވާ ޓެލެކްސްފްރީއާ ގުޅުން ހުރި ފައިސާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ.
އަދި އިއްޔެ އެ ފައިސާ ފެނުނީ ޓެލެކްސްފްރީގެ މައްސަލައިގައި ދައުވާ ކޮށްފައިވާ މީހެއްގެ ގެއިން ކަމަށް މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން ބުނެ އެވެ. އުމުރުން 28 އަހަރުގެ ބްރެޒިލްގެ ރައްޔިތެއް ކަމަށްވާ ކްލެބާ ރެނޭ ރިޒެރިއޯ ރޯޗާގެ މައްޗަށް ދައުވާކޮށްފައި ވަނީ މަނީ ލޯންޑާ ކުރަން މަސައްކަތް ކުރުމުގެ ކުށުގައެވެ.
ޕްރޮސިކިއުޓަރުން ވިދާޅުވާ ގޮތުގައި ރޯޗާ ވަނީ ހޮންކޮން މެދުވެރިކޮށް ބްރެޒިލަށް އެތައް މިލިއަން ޑޮލަރު ލޯންޑާކޮށްފައެވެ.
ރޯޗާގެ ގެއިން ފެނުނު ފައިސާއާ ގުޅިގެން އޭނާ ހައްޔަރުކޮށް، ކޯޓުން ވަނީ އޭނާ ދަތުރުކުރުން މަނާކޮށްފައެވެ. (ބީބީސީ)