އީރާނާއި ގަލްފުގެ އަރަބި ގައުމުތަކާދެމެދުގައިވާ ނުތަނަވަސްކަން ކުޑަކޮށް ދެފަރާތުގެ ދެމެދުގައި އަލުން އިތުބާރު ގާއިމް ކުރުމާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ކުވައިތުގެ ޚާރިޖީ ވަޒީރު އަދި ބޮޑުވަޒީރުގެ ނައިބު ސަބާހް ޚާލިދުލްހަމްދުއްސަބާޙް މިއަދު ތެހެރާނަށް ވަޑައިގަންނަވާނެއެވެ.

އީރާނަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި ކުވައިތުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އޭނާ އީރާނަށް ވަޑައިގެން ރައީސް ހަސަން ރޫޙާނީ އާ މަޝްވަރާ ކުރައްވާނީ ގަލްފުގެ އަރަބި ގައުމުތަކުގެ އެއްބާރުލުމާބެހޭ ޖަމްއިއްޔާ (ޖޭސީސީ)ގެ ޚާއްސަ މަންދޫބެއްގެ ހައިޘިއްޔަތުންކަމުގައެވެ. މިދަތުރުފުޅުގައި ޖީސީސީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްލަތީފް ބިން ރާޝިދު އައްޒައްޔާނީ ގެ ސިޓީފުޅަކާއި ކުވައިތުގެ އަމީރު އައްޝައިޚް ސަބާހުލްއަހްމަދުލްޖާބިރުއްސަބާޙްގެ ޚާއްސަ ސިޓީފުޅެއް އީރާނުގެ ރައީސް ޑރ. ޙަސަން ރޫހާނީއަށް އަރުވާނެ ކަމަށް ކުވައިތުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ގަލްފުގެ އަރަބި ގައުމުތަކާއި އީރާނަކީ މުސްލިމް އަވަށްޓެރި ގައުމުތަކަކަށްވިޔަސް ދެފަރާތުގެ ދެމެދުގައި ސިޔާސީ ކޯޅުންތައް ވަރަށްބޮޑެވެ. މިކަމުގެ ސަބަބުން ދެފަރާތުގެ އިތުބާރު ވަރަށްބޮޑަށް ގެއްލި އެއްބަޔަކު ދަނީ އެނެއްބަޔަކާ ދެކޮޅަށް ޓެރަރިޒަމްގެ ތުހުމަތާއި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރަ ކަމުގެ ތުހުމަތާއި ބާރާއި ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުތައް ކުރަމުންނެވެ.

އީރާނާއި ޖީސީސީގެ ގައުމުތަކުގެ ގުޅުންތައް އެންމެ ބޮޑަށް ގޯސްވެގެންދިޔައީ މިދިޔަ އަހަރުގެ ފަހުކޮޅު ސައޫދީ އަރަބިޔާއިން އީރާނާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމާއެކު އީރާނާ ދެކޮޅަށް ޖީސީސީގެ ގައުމުތަކާއި އަރަބި ގައުމުތައް ނެރުމަށް ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން މަސައްކަތް ފެށުމުންނެވެ. މިކަމުގައި ޖީސީސީގެ ގައުމުތައް ސައޫދީކޮޅަށް ޖެހުނުނަމަވެސް އަރަބި ގައުމުތަކުގެ ތެރޭން ސޫދާންއާއި ޖިބޫތީ ފަދަ ފަގީރު އަދި އަދި ސައޫދީންގެ އެހީއަށް ބޭނުންވެފައިވާ ދެތިން ގައުމެއް މެނުވީ ސައޫދީންގެ ކޮޅަށް ޖެހިފައެއް ނުވެއެވެ.

ސައޫދީން އީރާނާ ގުޅުންތައް ކަނޑާލައި އީރާނާ ދެކޮޅަށް މަސައްކަތް ފާޅުގައި ފެށީ އީރާނުގައިވާ ސައޫދީ އެންބަސީއަށް އީރާނުގެ ބަޔަކު އަރައިގަނެ އެ އިމަރާތުގައި ހުޅުޖެހުމާގުޅިގެންނެވެ. ސައޫދީ އެންބަސީއަށް ވަދެގަނެ އެތަނުގައި ހުޅުޖެހީ، ސައޫދީގެ ޝިޔައީ ދީނީ އިލްމުވެރިއެއްކަމަށްވާ ޝައިޚް ނިމްރުއްނިމްރު އަށް ސައޫދީ ސަރުކާރުން މަރުގެ އަދަބު ދިނުމާގުޅިގެން ސައޫދީ ސަރުކާރާ ދެކޮޅަށް ތެހެރާންގައި މުޒާހަރާކުރި އީރާނުގެ އާންމުންގެ ބައެކެވެ. އީރާން ސަރުކާރުންވަނީ ހުޅުޖެހި މީހުން ހައްޔަރުކުރުމަށްފަހު އެމީހުންގެ މައްޗަށް ޝަރީއަތް ހިންގުމަށްޓަކައި މައްސަލަ ކޯޓަށްވެސް ފޮނުވާފައެވެ.

ސައޫދީގެ ޝިޔައީ ދީނީ އިލްމުވެރިއެއްކަމަށްވާ ޝައިޚް ނިމްރުއްނިމްރު އަށް ސައޫދީ ސަރުކާރުން މަރުގެ އަދަބު ދިނީ ސައޫދީ ސަރުކާރާ ދެކޮޅަށް އާންމުންގެ މެދުގައި ފިތުނަ އުފެދޭފަދަ އަމަލުތައް އޭނާ ހިންގެވި ކަމުގެ ކުށް ޝަރީއަތަށް ސާބިތުވެގެން ކޯޓުން މަރުގެ އަދަބު ދިނުމަށް ހުކުމް ކުރުމުން ކަމަށް ސައޫދީ ސަރުކާރުން ބުނެފައިވެއެވެ.

ސައޫދީ އާއި އީރާނުގެ ސިޔާސީ ކޯޅުންތައް އެދެގައުމުންވެސް މިހާރު ގެންދަނީ އެއީ ދީނީ އަދި މަޒްހަބީ ކަމެއް ކަމަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގައި މިދެގައުމުން ކުރެ ކޮންމެ ގައުމަކުންވެސް އެގައުމެއްގެ ދީނީ އިލްމުވެރިންގެ ބޭނުން ކުރަމުން ގެންދެއެވެ.

އީރާނުން ސައޫދީ އާ ދެކޮޅަށް ނުކުތުމަށް ޝިޔައީންނަށް ހިއްވަރު ދޭއިރު ސައޫދީ ގެންދަނީ އީރާނާ ދެކޮޅަށް ނުކުތުމަށް ސުންނީންނަށް ހިއްވަރުދެމުންނެވެ. އަދި ކޮންމެ ބަޔަކުވެސް ގެންދަނީ އަނެއްބަޔަކު ކާފަރު ކުރާ ހިސާބަށްވެސް ކަންތައްތައް ގެންދަމުންނެވެ. ނަމަވެސް އިސްލާމީ ދުނިޔޭގެ ދެބައި ކަމަށްވާ ޝިޔައީންނާއި ސުންނީންގެ މަޒްހަބީ ޚިލާފްތަކަކީ ސައޫދީ އާއި އީރާނުގެ ކޯޅުންތަކަށްވުރެ މާކުރީގެ ކަމެކެވެ. އަދި އެއީ މިދެގައުމުގެ ސިޔާސީ ކޯޅުންތަކަށްވުރެ މާފުޅާދާއިރާއެއްގެ މަޒްހަބީ އަދި ފިގްހީ ތަފާތުތަކެކެވެ.

ސައޫދީން ތުހުމަތުކުރާ ގޮތުގައި އީރާން ގެންދަނީ ސޫރިޔާއަށާއި އިރާގަށާއި ޔަމަނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ބާރާއި ނުފޫޒު ފަތުރަމުންނެވެ. އީރާން ތުހުމަތުކުރާ ގޮތުގައި ސޫރިޔާގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޖަމާއަތްތައް ނެރެ އެޖަމާއަތްތަކަށް ހަތިޔާރު ދީގެން ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެއްޓުވީ ސައޫދީންނާއި ގަތަރުންނެވެ. އަދި އިރާގުގައި ބޮންގޮއްވުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދާ އައިއެސްފަދަ ޖަމާއަތްތަކަށްވެސް ސިޔާސީ ބޭނުންތަކުގައި ސިއްރިޔާތުގައި ފައިސާއާއި ހަތިޔާރުފޯރުކޮށްދެނީވެސް ސައޫދީންނާއި ގަތަރުން ކަމަށް އީރާނުން ތުހުމަތު ކުރެއެވެ.

ޔަމަންގައިވާ ސައޫދީންގެ މަދަދުލިބޭ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ހޫޘީ ޖަމާއަތަށް އީރާނުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ސައޫދީން ތުހުމަތުކުރާއިރު ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށްވަދެ ޔަމަނަށް ވައިގެ ހަމަލާތައް ދޭ މައްސަލައިގެ މަލާމާތް އީރާނުން ރައްދު ކުރަނީ ސައޫދީ އަށެވެ.

ސައޫދީގެ އަވަށްޓެރި އިރާގާއި ބަހްރައިންއަކީ ޝިޔައީންގެ އަޣްލަބިއްޔަތެއް އޮންނަ ދެ ގައުމެވެ. މީގެތެރެއިން އިރާގުގައި އީރާނުގެ ތާއީދު ލިބިފައިވާ ޝިޔައީން ވެރިކަންކުރާއިރު ބަހްރައިންގެ ވެރިކަން އޮންނަނީ ސައޫދީންގެ ތާއީދު ލިބިފައިވާ ބައިމަދު ސުންނީންގެ އަތުގައެވެ. ސޫރިޔާއަކީ ސުންނީންގެ އަޣްލަބިއްޔަތެއް އޮންނަ ގައުމަކަށްވާއިރު އެގައުމުގެ ވެރިކަން އޮންނަނީ އީރާނުގެ ތާއީދު ލިބިފައިވާ ބައިމަދު އަލަވީން (ޝިޔައީންގެ ވައްތަރެއް) ގެ އަތްމަތީގައެވެ.

އީރާނުން ސޫރިޔާގެ ވެރިކަން ދަމަހައްޓަން މަސައްކަތްކުރާއިރު ސައޫދީން ގެންދަނީ ބަހްރައިންގެ ޝާހީ އާއިލާގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. އަރަބި ދުނިޔޭގެ ހާލަތު މިހާރުއޮތް ގޮތުން އަރަބި ބޮޑެތި އަދި ބާރުގަދަ ގައުމުތައް ކަމަށްވާ އިރާގު ސޫރިޔާ މިސްރު އަލްޖަޒީއިރު ފަދަ ގައުމުތައްވަނީ ސައޫދީ އާ ވަރަށްބޮޑަށް ޖެހިފައެވެ. މީގެތެރެއިން އިރާގާއި ސޫރިޔާއަކީ ސައޫދީ އާ ވަރަށްބޮޑަށް ދުޝްމަން އަދި އީރާނާ ވަރަށް ގާތް ދެގައުމެވެ. މިސްރާއި އަލްޖަޒާއިރަކީ ސުންނީ ދެގައުމު ކަމަށްވިޔަސް އެދެގައުމާއި ސައޫދީންގެ ގުޅުންތައްވެސް ވަނީ ވަރަށް ގޯސް ހާލަތެއްގައެވެ.

އީރާނާއި ސައޫދީންގެ ސިޔާސީ ކޯޅުންތަކުގައި އަރަބި ބޮޑު އެއްވެސް ގައުމެއް ސައޫދީގެ ފަހަތަށް ގޮސްފައެއްނުވެއެވެ. އަދި ސައޫދީ އާ އެންމެ ގާތް އިސްލާމީ ގައުމު ކަމަށްވާ ޕާކިސްތާންވެސް ވަނީ ސައޫދީއާއި އީރާނުގެ ކޯޅުންތަކުގައި ވަކިކޮޅަކަށް ނުޖެހޭނެ ކަމަށްބުނެފައެވެ. މިމައްސަލާގައި ވަކިކޮޅަކަށް ޖެހުމުގެ ޕާކިސްތާން ގެންދަނީ އެދެގައުމު ސުލްޙް ކުރުވުމަށްވެސް މަސައްކަތް ކުރަމުންނެވެ.

ސައޫދީ އާއި އީރާނުގެ ސިޔާސީ ކޯޅުންތަކުގެ ނޭދެވޭ އަސަރު މުޅި އިސްލާމީ ދުނިޔެއަށް ދަނީ ފެތުރެމުންނެވެ. ސޫރިޔާއާއި އިރާގާއި ލީބިޔާއާއި ޔަމަން ފަދަ ގައުމުތަކުގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމަތަކުގެ ފަހަތުގައިވަނީވެސް އަރަބި ގައުމުތަކުގެ ދެމެދުގައިވާ ސިޔާސީ ވާދަވެރި ކަމާއި ސިޔާސީ ކޯޅުންތަކެވެ. މިކަމުގެ ސަބަބުން އަރަބީންގެ އަވަށްޓެރި ބާރުގަދަ ދެގައުމު ކަމަށްވާ ތުރުކީއާއި އީރާން ގެންދަނީ އަރަބި ގައުމުތަކުގެ ކަންކަމުގެ ތެރެއަށް ވަދެ އެދެގައުމުގެ މަސްލަހަތުތައް ފުޅާކުރަމުންނެވެ.

ކުވައިތުގެ ޚާރިޖީ ވަޒީރު އަދި ބޮޑުވަޒީރުގެ ނައިބު ސަބާހް ޚާލިދުލްހަމްދުއްސަބާޙް އީރާނަށް ވަޑައިގެންނެވުމުގެ ބޭނުންތަކުގެ ތެރޭގައި އީރާނާއި ސައޫދީންގެ ކޯޅުންތައް ކުޑަކުރުން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. ޖީސީސީގެ ގައުމުތަކުގެތެރެއިން އީރާނާ ރަނގަނޅު ގުޅުމެއް ބާއްވަނީ އުމާނުންނެވެ. ކުވައިތަކީވެސް އީރާނާގުޅުންތައް ކޮންމެވެސް ވަރަކަށް ރަނގަނޅު ގައުމެކެވެ.