އިންޑިއާ ސަރުކާރުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ބޭނުންވާ ސްޕެއާޕާޓްސް ހަދިޔާކޮށްފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ސަވައިލެންސް އޮޕަރޭޝަނެއް ހިންގުމަށް މިހާރު ރާއްޖެ އައިސްއުޅޭ އިންޑިއަން ނޭވީ ޝިޕް ކަންކާސޯގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ހަދިޔާކުރި މި ތަކެއްޗާ އެމްއެންޑީއެފްގެ ފަރާތުން ޙަވާލުވެލެއްވީ މެރިންކޯގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުޙައިރުއެވެ. އަދި، އިންޑިއާގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކެޕްޓަން ޕްރަޝާންތު ހާންޑޫއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުޙައިރު ވަނީ ދިވެހި އަސްކަރިއްޔާއަށް ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވަނީ މަނަވަރުގެ މެހުމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ.

އިންޑިއާ ސަރުކާރުން އެމްއެންޑީއެފަށް މިއަދު ހަދިޔާކުރެއްވި ސްޕެއަރޕާޓްސްގެ ތެރޭގައި ހިމެނެނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ އަށާއި އެމްއެންޑީއެފް ހެލިކޮޕްޓަރަށް އަދި އެމްއެންޑީއެފްގައި ބޭނުންކުރާ މާކް ތިނެއް ވެހިކަލަށް ބޭނުންވާ ބައެއް ސްޕެއަރޕާޓްސް އެވެ.

އައިއެންއެސް ކަންކާސޯގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކެޕްޓަން ޕްރަސާންތު ހާންޑޫގެ އިތުރުން އިންޑިއާ މަނަވަރުގެ އިސް އޮފިސަރުންނާއި ސެއިލަރުންގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ބައެއް އޮފިސަރުން ވަނީ ބައިވެރިވެފައެވެ.