ރާއްޖޭގެ ރަށްތަކުގައިއާއި މާލޭގައި ހިންގާ ފެނަކައިގެ އޮޮފީސް އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ބޭނުންވާ ސޮފްޓްވެއާއެއް ހެދުމުގެ މަސައްކަތް ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ފެނަކާ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތުގެ ކޮންޓްރެކްޓުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އެވެ. ސްރީލަންކާގެ ޖިނަސެނަ އިންޕޮޓެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސެނަކަ އައްޓީގައްލޭ އެވެ.

ޖިނަސެނަ ކުންފުންޏާ ހަވާލުކުރީ ފެނަކައިގެ އޮފީސްތައް އެއް ވިއުގައަކުން ގުޅާލައި އެ ސޮފްޓްވެއާއެއް މެދުވެރިކޮށް ކުންފުނީގެ ހުރިހާ މަސައްކަތެއް ފަސޭހައިން ކުރެވޭ ކަހަލަ ސޮފްޓްވެއާއެއް އުފެއްދުމަށެވެ.

ކޮންޓްރެކްޓުގައި ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ އެމްޑީ، ޝަރީފު ވިދާޅުވީ އެކުންފުނީގެ ހުރިހާ އޮފީހެއް އެއް ވިއުގައަކުން ގުޅާލުމަށް ކުރެވޭ މަސައްކަތަކީ ވަރަށް ކުރީއްސުރެ ޓާގެޓް ކުރެވިގެން ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި އެކުންފުންޏަކީ އަހަރެއްގެ މައްޗަށް 1.8 ބިލިއަން ރުފިޔާގެ ފައިސާގެ މުއާމަލާތް ކުރާ ކުންފުންޏެއް ކަމަށްވެފައި މިހާރު ބޭނުން ކުރާ "އެޓްރެކް" ސޮފްޓްވެއާއިން ކުންފުނީގެ ކަންކަން މެނޭޖް ކުރުމަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އީއާރުޕީ ސިސްޓަމް އިމްޕްލިމެންޓް ކުރުމާ އެކީގަ އަޅުގަނޑުމެންނަށް އެތައް ބައިވަރު ލުއި ފަސޭހަތަކެއް ވެ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ޖަވާބުދާރީވުމާއި އިތުރު ރިޕޯޓްސްތައް ޖެނެރޭޓްކޮށް އަޅުގަނޑުމެންނަށް އިތުުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ،" ޝަރީފް ވިދާޅުވި އެވެ.

ޖިނަސެނަ ކުންފުންޏަކީ މައިކްރޯސޮފްޓް ޑައިނަމިކްސް ނެވިޝަންގެ ސަރަހައްދީ އޭޖެންޓު ކުންފުންޏެވެ. މި މަސައްކަތް ނިންމައި ލައިވް ސިސްޓަމް ބޭނުން ކުރަން ފަށާނީ ޖޫން މަހުގެ 15 ވަނަ ދުވަހު ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޖެނަސެނަ ކުންފުނިން އުފައްދާ ސޮފްޓްވެއާގެ ނަމަކީ "އީއާއުޕީ ސިސްޓަމް" އެވެ. މި މަސައްކަތަކީ 2.1 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.