ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ސުޕަ މެޖޯރިޓީ ސަރުކާރު ކޯލިޝަނުން ނަގާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ ޕީޕީއެމާއި އެމްޑީއޭ އަދި ޑީއާރްޕީ ކޯލިޝަނުން ކައުންސިލް އިންތިޚާބުގެ ސުޕަ މެޖޯރިޓީ ނަގާނެކަން ޔަގީންވާ ކަމަށެވެ.

"އަޅުގަނޑުމެން ﷲ އިރާދަކުރެއްވިއްޔާ ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރޭ. ސުޕަ މެޖޯރިޓީ ޕީޕީއެމް، އެމްޑީއޭ، ޑީއާރްޕީ ކޯލިޝަނުން ނަގާނެ ކަމަށް،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިޚާބަށް ކުރިމަތިލުމުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ މަސައްކަތް އިއްޔެ އެ ޕާޓީން ވަނީ ފަށާފައި ކަމަށާއި ކެމްޕޭންގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ޕީޕީއެމްގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ. އެ ދުވަހު ޕްރައިމަރީ ބާއްވަނީ 64 ގައި ކަމަށާއި 212 ދާއިރާއެއްގައި ޕްރައިމަރީ ނުބާއްވަން ނިންމާފައިވާ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވަނީ ހަމަޖައްސާފަ އެވެ.

ނިމާލް މިއަދު ވިދާޅުވީ ޕީޕީއެމް އިން އޭނާއާ މަތިކުރި މަސްއޫލިއްޔަތު އަދާކުރުމުގައި ސާބިތުވެ ދެމި ހުންނަވާނެ ކަމަށެވެ.

"ދެންް އަޅުގަނޑުމެންގެ ކެމްޕެއިންގެ މުޅި ފޯކަސް އަދި ތީމެއް ކަނޑަނޭޅުނު ކަމުގައި ވިޔަސް އަޅުގަނޑުމެން ވިސްނާފަ އޮތީ، އަޅުގަނޑުމެން އަހާނީ ރައްޔިތުންގެ އަޑޭ، ކުރާނީ ރައްޔިތުންނަށް މަސައްކަތޭ. ގެންނާނީ ރައްޔިތުންނަށް ތަރައްގީއޭ. މި ތިން ކަންތައްތަކުގެ މައްޗަށް ބަލާފައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މުޅި ކެމްޕެއިން ރޭވިގެން ދާނީ،" ނިމާލް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ. އިދިކޮޅު އެމްޑީޕީން މި އިންތިޚާބުގައި ވާދަކުރާއިރު، އަދާލަތު ޕާޓީން ވަނީ އިންތިޚާބު ބޮއިކޮޓްކޮށްފަ އެވެ.