25 Jan 2017, 16:37
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގުމަށް ޝައުގުވެރިކަން ފާޅުކުރުމަށް އެދި ކުރި އިއުލާނަށް އިސްލާހު ގެނެސް، އިތުރު ފްރެންޗައިޒެއް ވެސް އިއުލާނުގައި ހިމަނައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މީގެ ކުރިން ކުރި އިއުލާނުގައި ވަނީ ފްރެންޗައިޒް ހިންގުމަށް ހަ ޖާގައެއް ދޫކުރުމަށް އިއުލާން ކޮށްފަ އެވެ. އެއީ ތަފާތު ހަ ކޮންސެޕްޓެއްގެ ހަ ފްރެންޗައިޒް އައުޓްލެޓެވެ.
ނަމަވެސް މިއަދު ވަނީ ހަތް ވަނަ ޖާގައެއް ދޫކުރާނެކަން އިއުލާން ކޮށްފަ އެވެ. އެ ޖާގަ އިތުރުކޮށްފައިވަނީ، ކުރީގެ އިއުލާން ކޮށްފައިވާ އައިސް ކްރީމް ކޮންސެޕްޓަށެވެ. އަދި އައިސް ކްރީމް ކޮންސެޕްޓަށް ހިންގަން ބޭނުންވާ ކަމަށް ކުރިން ލިސްޓުކޮށްފައިވާ، ބާސްކިން ރޮބިންސްއާއި ހާގެން ޑާޒްގެ އިތުރަށް އިތުރުކޮށްފައިވަނީ މޫވެންޕިކްއެވެ.
މޫވެންޕިކްއަކީ މީގެ ކުރިންވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި ފްރެންޗައިޒެކެވެ. ނަމަވެސް އެތަން ފަހުން ހުއްޓާލިއެވެ.
އިސްލާހުކޮށްފައިވާ، އައުޓްލެޓް ކޮންސެޕްޓްތަކާއި ބްރޭންޑްތަކުގެ ތާވަލު
އައިސްކްރީމް ކޮންސެޕްޓާއި ބްރޭންޑުތަކުގެ އިތުރުން، ކޮފީ ކޮންސެޕްޓަށް ހިންގަން ޖެހެނީ ސްޓާބަކްސްއެވެ. ޑޯނަޓް ނުވަތަ ޕޭސްޓްރީ ކޮންސެޕްޓަށް ޑަންކިން ޑޯނަޓްސް ނުވަތަ ކްރިސްޕީ ކްރީމް ހިންގަން ޖެހޭ އިރު، ކެޝުއަލް ޑައިނިންގް ކޮންސެޕްޓަށް ހިންގަން ޖެހެނީ ނެންޑޯސް ނުވަތަ ހާޑް ރޮކް ކެފޭއެވެ.
މީގެ އިތުރުން ފާސްޓް ފުޑް ކޮންސެޕްޓަށް ކޭއެފްސީ ނުވަތަ މެކްޑޮނަލްޑްސް، އަދި ޕިއްޒާ ކޮންސެޕްޓަށް ޑޮމިނޯސް ނުވަތަ ޕިއްޒާ ހަޓް ހިންގަން ޖެހެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަލަށް ގެންނަ ފްރެންޗައިޒްތައް ހުންނާނީ، އެ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތީގައެވެ.
އެމްއޭސިއެލްއިން ބުނީ، ޝައުގުވެެރިވާ ފަރާތްތަކުން ޖެނުއަރީ 31 ގެ ކުރިން ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރަން ޖެހޭނެ ކަމަށެވެ. ރެޖިސްޓްރޭޝަނަށް ހުށަހަޅާ ލިޔުމަ އެކު ބައެއް ލިޔެކިޔުންތައް ވެސް ހުށަހަޅަން ޖެހެއެވެ. އެއާޕޯޓު ކުންފުނިން ބުނީ، އެއް ބްރޭންޑަށް ވުރެ ގިނަ ބްރޭންޑުތައް ހިންގުމަށް އެއް ފަރާތަކަށް ހުށަހެޅޭނެ ކަމަށެވެ.
ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތާއި، ބިޑު ޑޮކިއުމެންޓް ލިބޭނީ، ރެޖިސްޓްރޭޝަނަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އެކަނި ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
މި މަސައްކަތުގެ ވަގުތީ ޓައިމްލައިނެއް އެމްއޭސީއެލްއިން މިހާރު އެކުލަވާލާފައިވާ އިރު، ޕްރޮޕޯޒަލް ހުށަހެޅުމުގެ ކަންކަން ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ކުރިޔަށް ދާނެއެވެ. އަދި ބިޑު ހުށަހެޅުމުގެ ކަންކަން މާޗު މަހުގެ މެދުތެރޭގައި ކުރޔަށް ދާ އިރު، އޭޕްރިލް މަސް ފެށުމުގެ ކުރިން، ބިޑުތައް އިވެލުއޭޓުކުރުން އޮންނާނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި މިހާރުވެސް ގިނަ ފްރެންޗައިޒް އައުޓްލެޓްތަކެއް ހިންގައެވެ. އޭގެ ތެރޭގައި ބާގަރ ކިންގް، ތައި އެކްސްޕްރެސް، ޑެއިރީ ކުއީން، ދަ ކޮފީ ކްލަބް އަދި ދާދި ފަހުން އެތަނުގައި ހުޅުވި ދަ ޕިއްޒާ ކޮމްޕެނީ ހިމެނެއެވެ.