24 Jun 2011, 19:02
ސަބްސިޑީ ދިނުމަށް ގޮވާލައި، މަސްވެރިންތަކެއް މިއަދު ރައީސް އޮފީހަށާއި މުލީއާގޭ ދޮށަށް އެއްވެ، މުޒާހަރާކޮށްފި އެވެ.
ސަބްސިޑީ ދިނުން އަވަސްކުރުމަށް ގޮވާލައި، އަދި އެ ދޫކުރުން ލަސްވާތީ ނުރުހުމުގެ ބަސްތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން މަސްވެރިންގެ މުޒާހަރާ ފެސީ މިއަދު ހަވީރު 3:20 އެހާކަންހާއިރު މަސް މާރުކޭޓު ކުރިމަތިންނެވެ. އެމީހުން ގޮވާލަމުންދިޔައީ މަސްވެރިންނަށް ސަބްސިޑީ ދޫކުރުން އަވަސް ކުރުމަށެވެ. އަދި ސަރުކާރުން ސަބްސިޑީ ނުދީ ހިފެހެއްޓުމުގެ ސަބަބުން އެމީހުންގެ ހަރަދުތައް ބޮޑުވެ، ބިކަ ހާލުގައި ޖެހިފައިވާ ކަމަށް ވެސް މަސްވެރިން ބުނަމުންދިޔަ އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ އެއް ނަންބަރު ފާލަން ކައިރީގަ އާއި ރައީސް އޮފީހުގެ އިތުރުން މުލިއާގޭ ދޮށަށް އެއްވެސް އަޑުގަދަކޮށްފަ އެވެ. އެހެންނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިންގައިފެއެއް ނުވޭ. އެ މުޒާހަރާގައި ބައިވެރިވީ މަދު ބަޔެކެވެ.
މިއަދު މުޒާހަރާކުރުމުން ވެސް ރަސްމީ އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާ ކަމަށް މަސްވެރިން ބުނެ އެވެ. އަދި ސަބްސިޑީ ނުދީ ލަސްކުރާ ނަމަ ސިލްސިލާ މުޒާހަރާތަކަށް ނުކުންނާނެ ކަމަށް ވެސް އެމީހުން ގޮވަމުން ދިޔަ އެވެ.
ސަރުކާރުން މަސްވެރިންނަށް ސަބްސިޑީ ނުދީ ހިފަހައްޓާފައި ވަނީ މާލީ ހާލަތު ތަންނުދޭ ކަމަށް ބުނެ އެވެ. އެހެންނަމަވެސް، މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް ބަޖެޓުގައި 100 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.