ޔުނިސެފްގެ ދަށުން ހިންގާ ބްލޮގަރސް އިންޓާންޝިޕް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔުނިސެފުން 1995 ވަނަ އަހަރު ވަނީ، ދުނިޔެއަށް ކުރިމަތިވަމުން އަންނަ މައްސަލަތަކާ ގުޅޭ ގޮތުން ޒުވާނުން ހޭލުންތެރިކޮށް، ޒުވާނުންނަށް ޚިޔާލު ފާޅުކުރުމަށް"ވޮއިސެސް އޮފް ޔޫތު"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް އުފައްދައިފަ އެވެ.

އެ ޕްލެޓްފޯމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާން ބްލޮގަރުން، ދުނިޔޭގައި ހިނގާ އެކި ކަންކަމާ ގުޅޭ ގޮތުން އެމީހުންގެ ޚިޔާލުތައް ފާޅުކޮށް، ބަސް އިއްވަމުން ދެ އެވެ.

ޔުނިސެފް އިން އަންނަނީ ކޮންމެ އަހަރަކު ވެސް ވޮއިސް އޮފް ޔޫތު ޕްލެޓްފޯމްގައި ބްލޮގަރުންނަށް ޚާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގަމުންނެވެ.

އުމުރުން 14 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ހިންގާ، ތިން މަހުގެ މި އިންޓާންޝިޕްގެ ދަށުން، އެ ޒުވާނަކު ލިޔާ ކޮންމެ ބްލޮގް ޕޯސްޓަކަށް ޚާއްސަކޮށް ފީޑްބެކް ލިބޭނެ އެވެ. މީގެ އިތުރުން އެކި ކަންކަމާ ގުޅޭ ފަންނީ މާހިރުންނާ އެކު އިންޓަރެކްޓިވް ސެޝަންތަކާއި ބްލޮގިންއާ ގުޅޭ ލެސަންސް އަދި ޓިޕްސްގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން ނަން މަޝްހޫރު ޑިޖިޓަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިންޓާނުންގެ ބްލޮގް ޕޯސްޓުތައް ޝާއިއުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޔުނިސެފުން މި އަހަރު ވަނީ މި އިންޓާންޝިޕް ޕްރޮގްރާމު ބިނާކުރުމަށް ޚާއްސަ މައުޟޫއެއް ކަނޑައަޅައިފަ އެވެ. މި އަހަރުގެ މައުޟޫއަކީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓެވެ. މިއީ މިފަދަ ގޮތަކަށް މައުޟޫއެއް ކަނޑައެޅި ފުރަތަމަ ފަހަރު އެވެ.

ޔުނިސެފުން މައުލޫމާތުދޭ ގޮތުގައި، ފެބްރުއަރީ އިން ޖޫން މަހުގެ ނިޔަލަށް ކުރިޔަށްދާ މި އިންޓާންޝިޕް ޕްރޮގްރާމު ނިމޭ އިރު، އިންޓާނުންނަށް ބްލޮގިންގްއާ ގުޅޭ ރަނގަޅު ތަމްރީނު ލިބޭނެ އެވެ.

މީގެ އިތުރުން މިއަހަރުގެ މައުޟޫއު ކަމުގައިވާ، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާ މެދު އިތުރަށް ހޭލުންތެރިވެގެން ދާނެ ކަމަށް ޔުނިސެފުން ބުނެ އެވެ. އިންޓާންޝިޕަށް ހޮވިއްޖެ ނަމަ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އިންޓާންޝިޕަށް ކުރިމަތިލެވޭނެ އެވެ.

ޔުނިސެފުން ވަނީ ތިން ބަހަކުން މި އިންޓާންޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފަ އެވެ. އެއީ އިނގިރޭސި، ފަރަންސޭސި އަދި ސްޕެނިޝް ބަހެވެ. ކޮންމެ ބަހަކުން ވެސް އިންޓާންޝިޕަށް ހޮވަނީ 10 - 15 ކުދިންނެވެ.

ވޮއިސް އޮފް ޔޫތު ބްލޮގިންގް އިންޓާންޝިޕަށް ކުރިމަތިލާން އެދޭ ފަރާތްތަކުން،އެކަމަށް އެދޭ ފޯމުފުރުމަށް ފަހު، ފެބްރުއަރީ 10 ވަނަ ދުވަހުގެ ކުރިން ފޮނުވުމަށް ޔުނިސެފުން އެދެ އެވެ.