ޓޫރިޒަމް އިންޑަސްޓްރީއަށް ކުރިމަތިވެދާނެ ހަމަލާތަކަށް އެއިންޑަސްޓްރީ ހޭލުންތެރިކުރުމަށް ހާއްސަ ވޯކްޝޮޕްތަކެއް ފަށައިފިއެވެ.

ކުރުނބާ އައިލެންޑް ރިސޯޓްގައި އިއްޔެ އާއި މިއަދު ކުރިއަށްގެންދާ "މޯލްޑިވްސް ކައުންޓާ ޓެރަރިޒަމް ސެކިއުރިޓީ ވޯކްޝޮޕް 2017"ގައި 83 ރިސޯޓެއްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކާއެކު ޓޫރިޒަމް ދާއިރާގެ 120 ފަރާތަކުން ބައިވެރިވެއެވެ.

ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުގެ ހެޑް އަހުމަދު އަލީ މިއަދު ސަން އަށް ވިދާޅުވީ އެވޯކްޝޮޕުގައި ފަތުރުވެރިކަމުގެ ދާއިރާގައި ސަލާމަތީ ކަންކަން ހުރިގޮތްތަކާއި އަޅާނެ ފިޔަވަޅުތަކަށް ހޭލުންތެރި ކުރުވާނެ ކަމަށެވެ.

"ވައްކަމާއި ފޭރުމަށް އަމަލުކުރާނެ ގޮތްތަކާއި ޓެރަރިޒަމްގެ ކަންކަމަށް އަމަލުކުރާނެގޮތްތައް ބުނެދެވިގެންދާނެ،" އަހުމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެވޯކްޝޮޕާއެކު ފުލުހުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސެކިއުރިޓީ ފަރާތްތަކާއި ވެސް އަދި އެއް ރިސޯޓާއި އަނެއް ރިސޯޓާއިވެސް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ކުރިއަށްއޮތްތަނުގައި އެފަދަ ވޯކް ޝޮޕްތައް ހިންގުމަށް ނިންމާފައިވާކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

ޔޫކޭގެ މެޓްރޯޕޮލިޓަން ފުލުހުންގެ އިތުރުން ދިވެހި ފުލުހުންނާއި ހޯމް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ދެ ދުވަހުގެ މުއްދަތައް ބާއްވާ އެ ވޯކްޝޮޕުގައި ޓޫރިޒަމް ސިނާއަތަށް ދިމާވެފައިވާ ސަލަމަތީ މައްސަލަތަކާއި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.