25 Jan 2017, 14:07
މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އެގޮތުން ގަދަ 10ގައި ހިމެނޭ ދަރިވަރުން އަދަދު ރިކޯޑް އަދަދަކަށް އިތުރުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިހާތަނަށް އެންމެ ގިނަ ދަރިވަރުން އޯލެވެލްގެ ގަދަ 10 ގައި ހިމެނިފައިވަނީ 2015 ވަނަ އަހަރުއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، އެ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ 10 ގައި 504 ދަރިވަރުން ހިމެނުނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން އޮފިސަރު އިބްރާހިމް އާސިފް ރަޝީދު މައުލޫމާތު ދިން ގޮތުގައި، 2015 ވަނަ އަހަރަށްވުރެ މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގެ ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ އަދަދު އިތުރުވާނެ އެވެ.
ނަމަވެސް އޯލެވެލްގެ ނަތީޖާ ރީޗެކް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާތީވެ، އެ އަދަދު ރަސްމީކޮށް ދަންނަވަން ދަތިކަމަށް އާސިފް ވިދާޅުވިއެވެ.
މިދިޔަ ތިން އަހަރުގެ ތެރޭގައި އޯލެވެލްގެ ގަދަ ތިނެއްގެ ނަތީޖާ އަށް ބަލާއިރު، 2014 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އޯލެވެލްގެ ނަތީޖާ އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން 2014 ވަނަ އަހަރު 475 ދަރިވަރުން ގަދަ 10ގައި ހިމެނިފައިވާއިރު، މިދިޔަ އަހަރު ވަނީ އެ އަދަދު 504 ދަރިވަރުންނަށް އިތުރުވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އޯލެވެލްގެ ގަދަ ދިހައެއް އިއުލާން ކުރެވޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.
ދުނިޔޭގެ އެއްވަނަ ހޯދި ރާއްޖޭގެ ދަރިވަރުންގެ އިތުރުން "ބެސްޓް އިން މޯލްޑިވަސް" އެވޯޑް އަދި ހައި އެޗީވާސް އެވޯޑް ހަވާލުކުރާނީ ވެސް އެ ރަސްމިއްޔާތުގައެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 5410 ދަރިވަރުން ބައިވެރިވެފައިވާ އިރު ރާއްޖޭގެ ދަރިވަރުން ވަނީ ރަނގަޅު ކާމިޔާބީ ތަކެއް ހޯދާފައެވެ. އެގޮތުން ޖުމްލަ ގޮތެއްގައި ހުރިހާ މައްދާތަކުން ފާސްވި ނިސްބަތް އިތުރުވިއިރު، ބިޒްނަސް ސްޓްޑީސްގައިި ފާސްވި ނިސްބަތް ވަނީ ދަށަށް ގޮސްފައެވެ.
މިދިޔަ އަހަރުގެ ނަތީޖާތަކަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނީީ އާޓް ސުޓްރީމްގެ މައްދާތަކުންނެވެ.
މީގެ އިތުރުން އެއްވެސް މާއްދާއަކުން ފާސްނުވެ ޔޫ ގްރޭޑް ލިބުނު ކުދިންގެ އަދަދު 2015 ވަނަ އަހަރަށްވުރެ ފަސް ޕަސެންޓް ވަނީ ދަށްކުރެވިފައެވެ. ދެހާސްފަނަރަ ވަނަ އަހަރު ޔޫ ގްރޭޑް ލިބުނު ނިސްބަތަކީ 10 ޕަސެންޓްގައެވެ.