25 Jan 2017, 13:56
ޓައިޕޭ (ޖެނުއަރީ 25): ޓައިވާނުގެ އޭޓީއެމްތަކުން 2.6 މިލިއަން ޑޮލަރު ވަގަށް ނެގި މައްސަލާގައި އިރުމަތީ ޔޫރަޕުގެ ތިން މީހަކު ފަސް އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.
ލެޓްވިއާ، ރޯމޭނިއާ އަދި މޮލްޑޯވާއަށް ނިސްބަތްވާ ތިން މީހުންގެ މައްޗަށް ޓައިޕޭގެ ކޯޓަކުން ޖަލު ހުކުމް ކުރީ މިދިޔަ އަހަރުގެ ޖުލައި މަހު ޓައިވާނުގައި ހުންނަ ފަސްޓް ކޮމާޝަލް ބޭންކް (އެފްސީބީ)ގެ 41 އޭޓީއެމްއެއް ހެކްކޮށް 2.6 މިލިއަން ޑޮލަރު ވަގަށް ނެގި މައްސަލައިގަ އެވެ.
އެ މައްސަލާގައި ކޯޓަށް ހުށަހެޅި އޭޓީއެމްތަކުގެ ސީސީޓީވީ ފުޓެޖުން ފެނިގެން ދަނީ މޫނު ފޮރުވައިގެން ތިބި ދެ މީހުންގެ ޓީމުތަކުން އޭޓީއެމްތަކަށް ވަދެ ދަބަސްތައް ފުރާ ހުރި ފައިސާ ނަގައިގެންދާ މަންޒަރެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވައަކުން 11 އަށް އެވައްކަން ކޮށްފައި ވަނީ ތިން ސިޓީއެއްގެ އޭޓީއެމްތަކުންނެވެ.
އެތިން މީހުން 18،445 ޑޮލަރުން ޖޫރިމަނާ ކުރުމުގެ އިތުރުން ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ތިން މީހުން ޑީޕޯޓް ކުރާނެ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.
އެ މައްސަލާގައި ކުށްވެރިވާ މީހުން ވަނީ އާއްމުންގެ މެދުގައި ނުތަނަވަސްވަންކަން ފަތުރާފައި ކަމަށް ބުނެ ޕްރޮސިކިއުޓަރުން ފުރަތަމަ މަސައްކަތް ކުރީ ތިން މީހުންނަށް 12 އަހަރުގެ ޖަލު ހުކުމެއް ދިނުމަށެވެ. މިހާރު ފަސް އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ތިން މީހުން ވަނީ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ.
ޓައިވާނުގެ ސަރުކާރުން ގަބޫލު ކުރާ ގޮތުގައި އެވައްކަމުގައި ބައިވެރިވި ބޭރު ގައުމުތަކަށް ނިސްބަތްވާ އިތުރު 19 މީހަކު ވަނީ ޓައިވާން ދޫކޮށް ގޮސްފަ އެވެ. އަދި ސަރުކާރުން ވަނީ އެމީހުންގެ ފޮޓޯ އާއްމުކޮށް، އެމީހުން ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. (އޭއެފްޕީ)