ގދ. ވާދޫގައި ކުނި މެނޭޖްކުރާ ސެންޓަރެއްގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ރައިޒާ ޕްރަވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

މިއަދު ހެނދުނު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހީމެވެ. ރައިޒާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހުސައިން އެވެ.

ވާދޫގައި ކުނި މެނޭޖްކުރާ ސެންޓަރެއް ހެދުމަށް ބަޔަކާ ހަވާލުކުރުމަށް ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ވާދޫގައި، ރަށުފެންވަރުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރާނެ ސެންޓަރެއް ގާއިމްކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ކުރި ކޮންޓްރެކްޓްގެ އަގަކީ 1.16 މިލިއަން ދިވެހި ރުފިޔާ ކަމަށެވެ. ކޮންޓްރެކްޓްގެ މުއްދަތަކީ ކުރިއަށް އޮތް ތިންމަސް ދުވަސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތިންމަސް ދުވަސް ތެރޭގައި އެތަނުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ހަވާލުކުރެވޭވަރު ވާނެ ކަމަށެވެ.

"ރާއްޖޭގެ އެކި ރަށްރަށުގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމަށް ސަރުކާރުން ހިންގާ ބިޔަ ޕްރޮޖެކްޓްތައް މިއަހަރު ވެސް މި ފެށުނީ. އިރާދަކުރެއްވިޔާ ބަޖެޓްގައި ހިމެނިގެން ގިނަ ރަށްތަކެއްގައި މި މަސައްކަތް ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ގއ. އަދި ގދ. ހިމެނޭގޮތަށް މިހާރުވެސް ހަތް ރަށެއްގައި މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރު އެ ދެ އަތޮޅުގައި ހުރިހާ ރަށެއްގައި ވެސް އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރުތައް ގާއިމްކުރެއްވުމަށް ރާވާފައިވާ ކަމަށެވެ.

އެ ސެންޓަރުތަކުގެ މަސައްކަތްތައް ޑިޒައިން ނިންމާ ވަރަކަށް ކުރިއަށް ހުރި މަސައްކަތްތައް ތަރުތީބުން ކުރަމުން ގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި އަދި މ. އަތޮޅުގައި އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރުތައް ހަދަން ވޯލްޑްބޭންކުގެ އެހީގެދަށުން ހަދަންޖެހޭ ޕްރޮޖެކްޓް ޑޮކިއުމަންޓްތައް ހަދައި، އެ ޕްރޮޖެކްޓްތަކުގެ ޑޮކިއުމަންޓްތައް ހުށަހަޅައި މިއަހަރު ފަހުކޮޅު ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް އިމްޕްލިމެންޓް ކުރުމަށް ވެސް މަސައްކަތްތައްކޮށް ޕްލޭންތައް ކުރައްވަމުން އަންނަ ކަމަށެވެ.