24 Jun 2011, 18:43
ިއިދިކޮޅު ޑީއާރުޕީގެ ހުސްވެފައިވާ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އެޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވި އަހުމަދު މުހައްމަދު )އަންޑޭ( ރޭ ހަމަޖައްސައިފި އެވެ.
އެސްޓީއޯގެ ކުރީގެ ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަންޑޭ އެ މަގާމަށް އައްޔަންކުރެއްވީ ރޭ ބޭއްވި ޑީއާރުޕީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގަ އެވެ. އަދި އެމަގާމާ އޭނާ ހަވާލުވެވަޑައިގަތީ ކައުންސިލުން އިސްތިއުފާ ދެއްވުމަށް ފަހު ކަމަށް ޑީއާރުޕީން ބުނެ އެވެ. ކައުންސިލުން ހުސްވި މަގާމަށް ރޭ ހަމަޖެއްސެވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ހަސަން ލަތީފެވެ.
ޑީއާރްޕީގެ ހުސްވެފައިވާ އަނެއް ޑެޕިއުޓީ ލީޑަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު މުހައްމަދު ރާމިޒް ވަނީ އިންތިހާބަކާ ނުލައި ކުރިން އައްޔަންކުރައްވައިފަ އެވެ. މިހާރު އެޕާޓީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ މަގާމުވެސް ވަނީ ހަމަވެފަ އެވެ.
ހުސްވެފައިވާ ދެމަގާމަށް އިންތިހާބަކާ ނުލައި މެމްބަރުން އައްޔަންކުރައްވާފައިވަނީ އެޕާޓީގެ އަސާސީ ގަވާއިދުގެ 120 ވަނަ މާއްދާއިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށް ޑީއާރްޕީން ބުނެ އެވެ. އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ "ގަވައިދުގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް އެއްވެސް ސަބަބަކާ ކުރެ ހުސްވެއްޖެ ނަމަ، އެ މަގާމެއް ހުސްވާ ދުވަހުން ފެށިގެން، ދެން އެންމެ އަވަހަށް ބާއްވާ ގައުމީ ޖަލްސާއަކަށް އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރެވެންދެން، އެ މަގާމު ފުރުމަށް މެމްބަރަކު ކަނޑައެޅުމުގެ އިހުތިޔާރު ޕާޓީގެ ކައުންސިލަށް ލިބިގެންވާ." ކަމަށެވެ.
ީޑީއާރްޕީގެ ހަތަރު ނައިބު ލީޑަރުންގެ ތެރެއިން ފުރަތަމަ މަގާމު ހުސްވީ ނައިބު ލީޑަރަކަށް ހުންނެވި އުމަރު ނަސީރު ޕާޓީން ވަކިކުރުމުންނެވެ. ދެވަނަ މަގާމު ހުސްވީ، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ޑީއާރްޕީން ވަކިވުމުންނެވެ. އަލީ ވަހީދު މިހާރު ވަނީ އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ.
މީގެ އިތުރުން ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ރޭ ވަނީ މާލޭ ސިޓީ ކައުންސިލް އިންތިހާބުގައި މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލެއްވި މުހައްމަދު ނިމާލް ވެސް ހަމަޖައްސައިފަ އެވެ. އަދި އެޕާޓީގެ ޑިފެންސް އެޑްވައިޒަރަކަށް އެމްއެންޑީއެފްގެ ކުރީގެ ކާނަލް އަހުމަދު ނާޒިމް އަދި ސޯޝަލް އެޑްވައިޒަރަކަށް ޑރ. އާސިމް ވަނީ އައްޔަންކޮށްފައިވެ އެވެ. ޑީއާރުޕީގެ ސްޕޯކްސްޕާސަން ކަމަށް އާލިމް ޝަކޫރު ވެސް ވަނީ ހަމަޖައްސައިފަ އެވެ.