ގުދުސް (ޖެނުއަރީ 25): ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިފާފައިވާ ބިންތަކުގައި 2،500 ގެ އަޅަން އިސްރާއީލުން ހުއްދަ ދީފި އެވެ.

އިރުމަތީ ގުދުސްގައި އިސްރާއީލުގެ ރައްޔިތުންނަށް 500 ގެ އަޅަން ހުއްދަ ދިންތާ ދެ ދުވަސް ފަހުން ހުޅަނގު އައްސޭރީގައި އިތުރު ގެތައް އަޅަން ހުއްދަ ދިނީ ގެދޮރު ބޭނުންވެފައިވާ މީހުން ތިބުމުން ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އަވިގްޑާ ލައިބާމަން ވިދާޅުވި އެވެ.

ލައިބާމަން ވިދާޅުވި ގޮތުގައި މިހާރު ހުއްދަ ދީފައިވާ ގިނަ ގެތައް އަޅާނީ އިސްރާއީލުގެ ރައްޔިތުން މިހާރު ވެސް އާބާދުކޮށްފައިވާ ސަރަހައްދުތަކުގަ އެވެ.

ލައިބާމަންގެ އިތުރުން ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އިސްރާއީލުން ދަނީ އެގައުމުން ހިފާފައިވާ ބިންތަކުގައި "ގެ އަޅަމުން ކަމަށާއި އަދި ގެ އެޅުން ކުރިއަށް ގެންދާނެ" ކަމަށް ވިދާޅުވެފަ އެވެ.

އެއީ އެއް ފަހަރާ އެހާވަރަށް ގިނަ އަދަދަކަށް ގެ އަޅަން އިސްރާއީލުން ހުއްދަ ދިން ފުރަތަމަ ފަހަރެވެ. ފަލަސްތީނުގެ އޮފިޝަލުން ވަނީ އިސްރާއީލުގެ އެނިންމުން ކުށްވެރިކޮށްފަ އެވެ.

އިސްރާއީލަށް ފާޅުކަން ބޮޑު ގޮތެއްގައި ތާއިދު ކުރައްވާ ޑޮނަލްޑް ޓްރަމްޕު ވެރިކަމަކަށް އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން އިސްރާއީލަށް ވަނީ ފަލަސްތީނުގެ ބިންތަކުގައި ގެތައް އެޅުމަށް ހިތްވަރު ލިބިފަ އެވެ. މީގެ ކުރިން އެމެރިކާގައި އޮތް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ އިސްރާއީލުން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ގެތައް އަޅާތީ ފާޑު ކިޔާފަ އެވެ.

އަދި ބައެއް މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން ޓްރަމްޕްގެ ދަނބިދަރި އަދި އިސް މުޝީރު ޖެރަޑް ކުޝްނާގެ މަންމަ އާއި ބައްޕަ ވަނީ ހުޅަނގު އައްސޭރީގައި އަޅާގެތަކަށް މާލީ އެހީ ދީފަ އެވެ.

"ބަރަކް އޮބާމާގެ ސަރުކާރުގައި އަޅުގަނޑުމެންގެ އަތް ބަނދެވިފައި އޮތަސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާ އެކު އެކަން ވަނީ ބަދަލުވެފައި. އަޅުގަނޑުމެންނަށް މިހާރު ގެތައް އަޅަމުން ގެންދެވޭނެ،" ގުދުސްގެ ޑެޕިއުޓީ މޭޔަރަކު ވިދާޅުވި އެވެ.

އިސްރާއީލުން 1967 ވަނަ އަހަރު ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ހިފި ފަހުން އެސަރަހައްދުތަކުގައި އާބާދު ކޮށްފައިވާ ޔަހޫދީންގެ އަދަދު 500،000 އަށް ވުރެ އިތުރެވެ. ނަމަވެސް އދ. އާއި ބައިނަލްއަގުވާމީ ދުނިޔެއިން ގަބޫލު ކުރާ ގޮތުގައި އިސްރާއީލުން އަމަލު ކުރަމުން ދަނީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށެވެ.

އަދި ހުޅަނގު އައްސޭރީގައި ގެ އެޅުމަށް އިސްރާއީލުން އަނެއްކާ ވެސް ހުއްދަ ދިނުމާ ގުޅިގެން އދ.އިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާން ސްޓެފަން ޑުޖަރިކް ވިދާޅުވީ އިސްރާއީލުގެ އަމަލުތަކަކީ ދެ ދައުލަތް ގާއިމުކޮށްގެން ސުލްހަ ގެނައުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ. (އަލްޖަޒީރާ)