25 Jan 2017, 11:32
ކޮންމެ ތަނެއްގައި ހުރެގެން ވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން (އެމްއެޗްސީއެލް)ގެ ހިދުމަތްތައް އޮންލައިންކޮށް ހޯދޭނެ ފަހި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މިއަދު އިފްތިތާހް ކޮށްފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ހައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" އިފްތިތާހު ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު އެވެ.
ހައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަށުގައި ތިބެގެން ހައްޖު ކޯޕަރޭޝަނަށް ރަޖިސްޓްރީކޮށް ފައިސާ ދެއްކޭ އިރު، މެމްބަރުންގެ އެކައުންޓުގެ ތަފްސީލު ބަލައި ލުމާއި ހައްޖު ކޯޕަރޭޝަނުން ހުޅުވާލާ އުމްރާ ދަތުރުތަކަށް ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމާއި އެ ދަތުރުތަކުގެ މައުލޫމާތުގެ ލިބިގެންދާނެ އެވެ.
އޭގެ އިތުރުން، އަގީގާ ކަތިލުމަށް ފުރަން ޖެހޭ ފޯމާއި އެކަމަށް ފައިސާ ދެއްކުމާއި ސަދަގާތުގެ ކަތިލުންތަކަށް ވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
ހައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހިދުމަތެއް ހޯއްދަވަން ބޭނުންވާ ނަމަ އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ. އަދި ހިދުމަތަކަށް ފައިސާ ދައްކަން ބޭނުންވާ ނަމަ މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދްރީސް ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ހިދުމަތެއް ހޯދުމަށް ހުށަހަޅާ ނަމަ ފައިސާގެ އަމާނާތްތެރިކަމާއި ހިދުމަތުގެ ފެންވަރާ މެދު ޔަގީންކަމެއް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން، ކުރިއަށް އޮތްތަނުގައި ވެސް ހިދުމަތް ހޯދުމަށް ފަސޭހަ އަދި އަވަސް ވަސީލަތްތަކެއް އެ ކޯޕަރޭޝަނުން ގާއިމް ކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، ހައްޖާއި އުމްރާގެ އަޅުކަމަކީ ބުރަ އަޅުކަމެއް ކަމަށާއި މީގެ ކުރިން އެ އަޅުކަން އަދާކުރުމަށް ދިވެހިން ގިނަ ތަކުލީފުތަކެއް އުފުލާފައިވާ ކަމަށެވެ. ނަމަވެސް ހައްޖު ކޯޕަރޭޝަން ވުޖޫދަށް އައިފަހުން ހައްޖާއި އުމްރާ ދަތުރުތަކުގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅުވެފައި، ރައްޔިތުން އުފުލި ބުރަތަކަށް ލުޔެއް ހޯދައިދެވިފައިވާ ކަމަށް ވިދާޅުވި އެވެ.