25 Jan 2017, 12:45
އިންޑިއާގެ މަޝްހޫރު އެޗްޑީއެފްސީ ބޭންކުގެ ސާފު ފައިދާ 15.14 ޕަސެންޓު އިތުރުވެއްޖެ އެވެ.
އޭޕްރީލް މަހު ފެށި އެ ބޭންކުގެ ފިސްކަލް އަހަރުގެ ތިން ވަނަ ކުއާޓަރު ޑިސެމްބަރު މަހަށް ނިމިފައިވާއިރު އެ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އޮކްޓޫބަރު މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް ލިބިފައިވަނީ 3,865.33 ކްރޯރް ނުވަތަ 567 މިލިއަން ޑޮލަރެވެ.
މިއީ އެ ކުންފުނީގެ ފިސްކަލް އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 15.14 ޕަސެންޓު އިތުރު އަދަދެކެވެ.
ތިން ވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު އާމްދަނީގެ މިންވަރުވެސް ވަނީ 13.48 ޕަސެންޓު އިތުރުވެފައެވެ. އެގޮތުން ޑިސެމްބަރު މަހުގެ ނިޔަލަށް އެކުންފުންޏަށް ލިބުނު އާމްދަނީ ވަނީ 20,748.27 ކްރޯރް (3.04 ބިލިއަން ޑޮލަރު) އަށް އަރާފައެވެ.
އިންޑިއާއަށް އުފަން އެޗްޑީއެފްސީ ކުންފުންޏަކީ ބޭރު ގައުމުތަކުގައިވެސް ހިންގާ ކުންފުންޏެކެވެ. އެ ބޭންކުގެ ހެޑް ކުއާޓަރުު ހުންނަނީ އިންޑިއާގެ މުމްބާއީ ގައި އެވެ. އަދި ދުބާއީއާއި، ޗައިނާގެ ހޮންކޮންގް އަދި ބަހްރައިންގައިވެސް މި ބޭންކުގެ ބްރާންޗުތައް ހުރެއެވެ.