ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރަކަށް، މައިކްރޯސޮފްޓުގެ ފައުންޑާ ބިލް ގޭޓްސް ވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ދުނިޔޭގެ މަޝްހޫރު ރިސާޗް ފާމެއް ކަމަށްވާ އޮކްސްފެމް އިންޓަނޭޝަނަލް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް 25 އަހަރު ތެރޭގައި ބިލް ގޭޓްސް އަކީ ދުނިޔޭގެ ފުރަތަމަ ޓްރިނިލިއަރަކަށް ވާނެ އެވެ. އެ ދިރާސާއިން މިގޮތަށް ދެއްކި އިރު ބިލް ގޭޓްސްގެ އުމުރުން މިހާރު 61 އަހަރު ވެއްޖެ އެވެ. ޓްރިލިއަނަރަކަށްވާއިރު އޭނާގެ އުމުރު ވާނީ 86 އަހަރެވެ.

އޮކްސްފޮމްގެ ދިރާސީ ރިޕޯޓުގައި ބުނެފައި ވަނީ 2009 ވަނަ އަހަރުން ފެށިގެން ބިލް ގޭޓްސްއަށް ލިބެމުންދާ އާމްދަނީގެ އަދަދު އަހަރުން އަހަރަށް 11 ޕަސެންޓުގައި އިތުރުވަމުންދާ ކަމަށެވެ.

ދޭހާސް ހަ ވަނަ އަހަރު ބިލް ގޭޓްސް އޭނާގެ އަމިއްލަ ކުންފުނި ކަމުގައިވާ މައިކްރޯސޮފްޓުން ވަކިވެވަޑައިގަތް އިރު އޭނާގެ އެކައުންޓުގައި 50 ބިލިއަން ޑޮލަރު ހުއްޓެވެ. އެއަށްފަހު 2016 ވަނަ އަހަރު އައިސް ޖެހުނު އިރު ޗެރިޓީގެ ގޮތުގައި ފައިސާ އެކި ކަންކަމަށް ހަދިޔާ ކޮށްފައިވާއިރުވެސް އޭނާގެ ނެޓް ވޯތް ވަނީ 75 ބިލިއަން ޑޮލަރަށް އަރާފައެވެ.

ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރެއިން އެމީޙުންގެ އާމްދަނީގެ ދެބައިކުޅަ އެއްބައި އެހީގެ ގޮތުގައި ހަދިޔާ ކުރާ މީހުންގެ ލިސްޓުގައި ބިލް ގޭޓްގެ ނަން ވެސް ވަނީ ހިމެނިފަ އެވެ. އެގޮތުން އޭނާ ފައިސާ ހަދިޔާ ކުރަނީ އޭނާގެ އަމިއްލަ ފައުންޑޭޝަނެއް މެދުވެރިކޮށެވެ.

އެމެރިކާގައި ނެރޭ މަޝްހޫރު ފޯބްސް މެގަޒިންގައި ހާމަކޮށްފައިވާ ގޮތުގައި ބިލް ގޭޓްސްގެ ނެޓް ވޯތް މިހާރު 86 ބިލިއަން ޑޮލަރަަށް އަރާނެ އެވެ. އެ މެގަޒިންގައި ހިމަނާފައިވާ ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ބިލް ގޭޓްސްވެސް ވަނީ ހިމަނާފަ އެވެ.