25 Jan 2017, 10:16
ވޮޝިންޓަން (ޖެނުއަރީ 25): އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެތައް މިލިއަން ބަޔަކު ގަވާއިދާ ހިލާފަށް ވޯޓުދިން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅު ވަނީ ހެއްކާއި ދިރާސާގެ މައްޗަށް ބިނާކޮށް ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ އެފަދައިން ވިދާޅުވީ ވޯޓު އޮޅުވާލި ކަމަށް ޓްރަމްޕް އަނެއްކާވެސް ވިދާޅުވުމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"އެކި މީހުން ޓްރަމްޕަށް ހުށަހަޅާފައިވާ ދިރާސާ އާއި ހެއްކަށް ބިނާކޮށް އޭނާ އަދިވެސް ގަބޫލު ކުރައްވަނީ ވޯޓު އޮޅުވާލީ ކަމަށް،" ސްޕައިސާ ވިދާޅުވި އެވެ.
އެއީ ކޮން ހެއްކެއް ކަމެއް ސްޕައިސާ ހާމަނުކުރައްވަ އެވެ.
ރިޔާސީ އިންތިހާބުގައި އެތައް މިލިއަން މީހުން ގަވާއިދާ ހިލާފަށް ވޯޓު ދިން ކަމަށް އެންމެ ފުރަތަމަ މިދިޔަ ނޮވެމްބަރު މަހު ވިދާޅުވި ޓްރަމްޕް ވަނީ އިއްޔެ ކޮންގްރެސްގެ ލީޑަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި އަނެއްކާވެސް އެފަދައިން ވިދާޅުވެފަ އެވެ.
ނަމަވެސް ވޯޓު މޮނިޓާ ކުރި ބައެއް ފަރާތްތަކުންނާއި ރިޕަބްލިކަން ޕާޓީގެ އިންތިހާބީ އޮފިޝަލުން ވަނީ ވޯޓު އޮޅުވާލި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އެޕާޓީގެ ބައެއް މެމްބަރުން ވަނީ ޓްރަމްޕް އެފަދައިން ވިދާޅުވުން ހުއްޓާލެއްވުމަށް ގޮވާލައްވާފަ އެވެ.
ްއެމެރިކާގެ ރިޔާސީ އިންތިހާބު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރެއްވީ އިލެކްޓޯރަލް ކޮލެޖް ވޯޓުތަކުން އަގުލަބިއްޔަތު ހޯއްދަވައިގެންނެވެ. ނަމަވެސް ޓްރަމްޕަށް ވުރެ އިތުރަށް ހިލަރީއަށް ތިން މިލިއަން ވޯޓު ލިބުނެވެ. (ބީބީސީ)